ENGLISH
21 ޖެނުއަރީ 2026
މާލެ ސަރަހައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
21 ޖެނުއަރީ 2026
|
ސްޕޯޓްސް ކޮމްޕްލެކްސް އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މާލެ ސަރަޙައްދުގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
މާލެ ސަރަޙައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމުކުރަނީ ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ވިލިމާލޭގައެވެ.
ތިން ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ކުރަން ޙަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ އެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އިއްޔެ އޮތީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައެވެ.
އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު އެވެ.
ސަރުކާރުން މުޅި ރާއްޖޭގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކާއި، ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ވިދާޅުވެފައެވެ.
ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރާނީ އެކި ކުޅިވަރުތައް ކުޅެވޭ ގޮތަށް ސަޕޯޓަރުންގެ ޖާގަ ވެސް ހިމަނައިގެންނެވެ. އަދި، އިޖުތިމާއީ މުހިއްމު ހަރަކާތްތައް ވެސް ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ޖާގައިގައި ކުރިއަށްގެންދެވޭނެއެވެ.
މާލެ ސަރަޙައްދުގައި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އަންނަނީ މުޅި ރާއްޖޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް ކުރަމުންނެވެ.