ENGLISH
20 ޖެނުއަރީ 2026
ސޮވްރިން ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު 91.2 އިންސައްތަ އިތުރުވެއްޖެ
20 ޖެނުއަރީ 2026
|
ދައުލަތުގެ ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގެ ގާބިލުކަމާއި ޔަގީންކަން ދެމެހެއްޓުމާއި ދަރަނި އަދާކުރުމަށް ބޭނުންވާ ބޭރު ފައިސާ ޖަމާކޮށް ބެލެހެއްޓުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް މިދިޔަ އަހަރު ޖަމާކުރި ފައިސާގެ އަދަދު 91.2 އިންސައްތަ އިތުރުވެއްޖެއެވެ.
މާލީ ވުޒާރާއިން ހަފުތާއަކު އެއްފަހަރު އާއްމުކުރާ މާލީ ހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 2.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރު ޖަމާކުރި 1.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 91.2 އިންސައްތައިގެ އިތުރުވުމެކެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މި އަހަރުގެ ދަރަނި ދެއްކުމަށް ސޮވްރިން ފަންޑުން 4.2 ބިލިއަން ރުފިޔާ ބޭނުންކުރަން ނިންމާފައިވެއެވެ. ދައުލަތުން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހެނީ މިއަހަރުއެވެ. މި އަހަރު ސުކޫކު އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން، އިތުރަށް ދަރަނިވެރިނުވެ، ވިސްނުންތެރިކަމާއިއެކު ސުކޫކް އަނބުރާ ދެއްކުމުގެ ސިޔާސަތުގެ ދަށުން، މި ސަރުކާރުން ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހަމަމަގަށް އަޅުވައި، ޑޮލަރުން މެނޭޖުކުރާ ފަންޑަކަށް ބަދަލުކޮށްފައެވެ.
ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ. 2016 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވެރިން ފަންޑަށް ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު މެނޭޖުކޮށް ބެލެހެއްޓުމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ކަމާ ބެހޭ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން މީގެ ކުރިން ހާމަވެފައިވެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެސްޑީއެފް ފަންޑުގައި 200 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ޑޮލަރު ހުއްޓެވެ. އެކަމަކު ރައީސް ސާލިހު ސަރުކާރު ނިމުނުއިރު ފަންޑުގެ ބޮޑު ބަޔަކީ ދިވެހި ރުފިޔާއެވެ. އެ ފަންޑަށް އެމްޑީޕީ ސަރުކާރުން ބަރާބަކަށް ފައިސާ ޖަމާ ކުރިނަމަ އައު ސަރުކާރު ހަވާލުވީިއިރު ބިލިއަނެއްހާ ޑޮލަރު މި ފަންޑުގައި ހުންނާނެ އެވެ.