ENGLISH
19 ޖެނުއަރީ 2026
އުފާވެރި ހަބަރެއް؛ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭ ސްޓައިޕެންޑް މުރާޖައާކުރަނީ
19 ޖެނުއަރީ 2026
|
ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓައިޕެންޑުގެ އަދަދުތައް މުރާޖައާކުރުމުގެ މަސައްކަތް ފަށާފައިވާކަން މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ކުރިއަށްގެންދަވާ "ތަރުޖަމާނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޑރ.ހައިދަރު ވިދާޅުވީ ވަރަށް ގިނަ ފަހަރަށް ދަރިވަރުންގެ ފަރާތުން ލިބޭ އެއް ޝަކުވާއަކީ އެ ކުދިން ކިޔަވަން ދާ ގައުމަށް ކަނޑައަޅާފައިވާ ސްޓައިޕެންޑަކީ އެ ގައުމުގައި ދިރިއުޅުމަށް އެކަށީގެންވާ ސްޓައިޕެންޑަކަށްނުވާ ކަމުގެ ޝަކުވާ ކަމަށެވެ.
މިނިސްޓްރީން ސްޓޫޑެންޓު ލޯނު ދޫކުރުމުގައި އަދި ސްކޮލާޝިޕްތަކަށް ފައިސާ ދޫކުރުމުގައިވެސް ކޮންމެ ގައުމަކަށް ސްޓައިޕެންޑް ނުވަތަ ދިރިއުޅުމަށް ދޭ ފައިސާ ދޫކުރާނެ ރޭޓެއް އޮންނަނީ ކަނޑައަޅާފައެވެ. މި ރޭޓަކީ ކޮންމެ ގައުމެއްގެ އިގުތިސާދީ ހާލަތާއި ދިރިއުޅުމުގެ ހަރަދުތަކަށް ރިއާޔަތްކޮށްގެން ކަނޑައެޅިފައި އޮންނަ ރޭޓެކެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު މިނިސްޓްރީން އަމަލުކުރަމުންދާ ރޭޓުތަކަކީ މީގެ ހަތް އަހަރު ކުރިން އެކުލަވައިލެވުނު ރޭޓުތަކަކެވެ. އެ ރޭޓުތައް އެކުލަވައިލި ފަހުން ގައުމުތަކުގެ އިގުތިސާދުތަކަށް ބަދަލުތައް އައިސް، ދިރިއުޅުމުގެ ހަރަދަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ބަދަލުތަކަށް ރިއާޔަތްކޮށް މިހާރުގެ ހާލަތާ މުނާސަބު ގޮތަކަށް ސްޓައިޕެންޑް ރޭޓުތައް ބަދަލުކުރުމަށް އެ ރޭޓުތައް މުރާޖައާކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ސްޓައިޕެންޑް ރޭޓުތަކަށް ބަދަލެއް ނައިސް އަހަރުތަކެއް ވެފައިވާއިރު ރާއްޖެއިން ކިޔަވަން ކުދިން އާއްމުކޮށް ދާ ބައެއް ގައުމުތަކުގެ ދިރިއުޅުމުގެ ހަރަދުތައް އެ މުއްދަތުގައި ވަރަށް ބޮޑަށް މަތިވެ، މިހާރު ދެމުންދާ ސްޓައިޕެންޑުން އެ ގައުމުތަކުގައި ދިރިއުޅުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ދަރިވަރުން އަންނަނީ ބުނަމުންނެވެ.
މިނިސްޓަރުވަނީ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ޖަމާކުރުމުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވައިލައްވައި، މައިގަނޑު ގޮތެއްގަައި ފައިސާ ދޫކުރުން ލަސްވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަރުހަލާ ދިގުލައިގެންދިއުމުން ކަމަށް ވިދާޅުވެފައެވެ.