ENGLISH

18 ޖެނުއަރީ 2026

Advertisement

ޣައްޒާ ހިންގާ ބޯޑު އެކުލަވާލި ގޮތް ޔަހޫދީންނަށް ކަމަކުނުދިޔަ

18 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ޣައްޒާ ހިންގާނެ ބޯޑު އެކުލަވައިލީ އެމެރިކާއިން، ނަމަވެސް އެމެރިކާއިން ހުށަހެޅިގޮތް ބަލައިގަންނަން ޔަހޫދީން އަންނަނީ ދެކޮޅު ހަދަމުން

ވަގުތީގޮތުން ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ހިންގާނެ ސުލްހައިގެ ބޯޑު އެމެރިކާއިން އެކުލަވާލި ގޮތާއި މެދު ޔަހޫދީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. 

އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާއިން މި ބޯޑު އެކުލަވާލުމުގެ ކުރިން ޔަހޫދީ ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ބޯޑު ގަބޫލުނުކުރާނެ ކަމަށް ޔަހޫދީން އަންނަނީ ބުނަމުންނެވެ.

ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތާއި އިސްރާއީލާއި ދެމެދު 2023 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހު ފެށުނު ހަމަލާތައް ވަނީ މެދު ކަނޑާލާފައެވެ. ހަނގުރާމަ މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހަމާސްގެ ވެރިކަން ނިމުމަކަށް ގެނެސް، ޣައްޒާގައި ވެރިކަން ކުރާ އިންތިގާލީ ކޮމިޓީއެއް އެކުލަވާލަންޖެހެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އިސްވެ އުފައްދަވާފައިވާ މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ ވެސް އެމަނިކުފާނެވެ. 

ޓްރަމްޕްގެ އިތުރުން ދެން ބޯޑުގައި ހިމެނިވަޑައިގަންނަވާނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރގެ އިތުރުން ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އެވެ. މީގެ އިތުރުން އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވަން، ވޯލްޑް ބޭންކްގެ ރައީސް އަޖޭ ބަންގާ އަދި އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް ގޭބްރިއަލް ވެސް މި ބޯޑުގައި ހިމެނެއެވެ.

ތުރުކީވިލާތުގެ ހާރިޖީ ވަޒީރު ހާކާން ފިދާން އާއި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު، ސީޣްރީދް ކާޖް ވެސް އެ ބޯޑުގައި ހިމަނަން އެމެރިކާއިން ވަނީ ހުށަހަޅައިފައެވެ.

ޣައްޒާ ހިންގުމުގައި ތުރުކީވިލާތުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެކަމަށް މީގެ ކުރިން ޔަހޫދީން ވަކާލާތުކޮށްފައިވެއެވެ. ވުމާއެކު، ޔަހޫދީން ހިތްހަމަނުޖެހުނީ ތުރުކީވިލާތުގެ ހާރިޖީ ވަޒީރު ހާކާން ފިދާން ބޯޑުގައި ހިމެނުމުން ކަމަށް ބެލެވެއެވެ. 

މިހާތަނަށް ބޯޑަށް އައްޔަނުކުރެވިގެން ދިޔަ ބޭފުޅުންގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ހިމެނިފައެއް ނުވެއެވެ.

އެމެރިކާގެ މި ރޭވުމާ މެދު ފަލަސްތީނުގެ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ އެމެރިކާއިން  މެދުވެރިއެއްގެ ރޯލު އަދާކޮސް މީގެ ކުރިން އެކުލަވާލި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް މިހާރުވެސް ޔަހޫދީން އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންކަމަށް ވާތީއެވެ.

މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޣައްޒާއިން ޔަހޫދީ ސިފައިން އެއްކޮށް ފައިބަން ޖެޖޭނެއެވެ. އަދި ރަފަހު ބޯޑަރު ހުޅުވާލުމާއި، ޣައްޒާގެ ރަށްބޭރުގައި ފުނިޖެހިފައިވާ އެހީގެ ގާފިލާތައް ޣައްޒާއަށް ވަނުމަށް ހުރަސް ނޭޅުން ހިމެނެއެވެ. 

ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ޔަހޫދީން ވަނީ ޣައްޒާގެ 71،000 އަށްވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު