ENGLISH
18 ޖެނުއަރީ 2026
އިސްރަށްވެހިންގެ ސަގާފީ ރަހަތައް ދައްކާލާ "ރަހަފަތް" މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި
18 ޖެނުއަރީ 2026
|
މިދިޔަ އަހަރު އިޖުތިމާއީ ވުޒާރާއިން ބޭއްވި "ޝާމިލް" މައުރަޒުގެ ތެރެއިން. އިސްރަށްވެހިންނަށް އިތުރު ފުރުޞަތެއް ވަނީ ހުޅުވާލާފައި. ފޮޓޯ: އިޖުތިމާޢީ ވުޒާރާ
ރާއްޖޭގެ ކާބޯތަކެތީގެ މުއްސަނދި ސަގާފަތާއި އަސްލު ދިވެހި ރަހަތައް އަންނަން އޮތް ޖީލުތަކަށް އުނގަންނައިދިނުމުގެ މަގުސަދުގައި ބާއްވާ "ރަހަފަތް" މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އިސްރަށްވެހިންނަށް ހުޅުވާލައިފި އެވެ.
އިޖުތިމާއި އަދި އާއިލާ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މައުރަޒަކީ، ދިވެހި ކެއިންބުއިމުގެ ތަރިކަ ރައްކާތެރިކޮށް އިސްރަށްވެހިންގެ ފަންނީ ހުނަރުތައް ޒުވާނުންނަށް ހިއްސާކުރުމަށް ފަހިކޮށްދޭނެ މުހިންމު މައިދާނެކެވެ.
މި މައުރަޒުގެ މައިގަނޑު އަމާޒަކީ ދިވެހި ސަގާފީ ކާބޯތަކެތި ތައްޔާރުކުރުމުގެ އުކުޅުތައް ޒުވާނުންނަށް ބުނެދީ، މި ފަންނަށް ޝައުގުވެރިކަން އުފެއްދުމާއެކު މުޖުތަމައުގެ ތެރޭގައި އިސްރަށްވެހިންނާއި ޒުވާނުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މީގެ އިތުރުން އިސްރަށްވެހީންނަކީ މުޖުތަމައުގެ ހަރަކާތްތަކުގައި ޝާމިލުވެ އުޅޭ ބަޔަކަށް ހެދުމަކީވެސް މި ހަރަކާތުގެ ބޮޑު މަގުސަދެކެވެ.
މައުރަޒުގައި ބައިވެރިވާން އެދޭ ފަރަތްތަކަށް މިއަދުން ފެށިގެން 21 ޖެނުއަރީ 2026 ގެ ނިޔަލަށް ނަންނޯޓު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބައިވެރިވުމަށް އެދޭ ފަރާތްތަކުން އައިޑީކާޑާއެކު މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ އިސްރަށްވެހިންގެ ނާދީއަށް ޒިޔާރަތްކޮށްގެން ނުވަތަ 3027586 ނުވަތަ 3027587 ނަންބަރު ފޯނާ ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރީ ކުރާއިރު މައުރަޒަށް ހުށަހަޅާނެ ބާވަތްތަކާއި އެގޭ އަދަދު ހިއްސާކުރަން ޖެހޭނޭ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.