ENGLISH

19 ޖެނުއަރީ 2026

Advertisement

ޕޮލިހަށް ހުއްޓުމެއްނެތް؛ ހަތަރުވަނަ މެޗުން ވެސް މޮޅުވެއްޖެ

18 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ވާދަކުރާ ޕޮލިސް ޓީމުގެ ކުޅުންތެރިން. --ފޮޓޯ: ވީއޭއެމް

މިހާރު ކުރިއަށްދާ އިންޓަ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ މިއަދު ކުޅުނު މެޗުގައި މިނިސްޓްރީ އޮފް ހެލްތު ބަލިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް ރެކޯޑް ދަމަހައްޓައިފިއެވެ.

މިއީ މި މުބާރާތުގައި ޕޮލިހުން ކުޅުނު ހަތަރުވަނަ މެޗެވެ. އެ ޓީމުން ވަނީ މި ހަތަރު މެޗު ވެސް ކާމިޔާބުކޮށްފައެވެ. 

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޕޮލިހުން ވަނީ ސީދާ ތިން ސެޓުން ހެލްތު މިނިސްޓްރީގެ ޓީމު ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-11 އިން ޕޮލިހުން މޮޅުވިއިރު، ދެވަނަ ސެޓުގައި އެ ޓީމުން ކުރިހޯދީ 25-08 އިންނެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓު 25-11 އިން ޕޮލިހުން ކާމިޔާބުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ހައިފާ އިމާދު އެވެ.

މުޅިއެކު ހަ ޓީމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 14 އިން 23 ގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ؛ މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯްލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މިނިސްޓްރީ އޮފް ހެލްތު އެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ހަ ޓީމުގެ މެދުގައި ކުރިއަށްދާ މެޗުތަކަށްފަހު، އެންމެ ކުރިހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ސެމީގައި އެއްވަނަ ޓީމާ ތިންވަނަ ޓީމު ބައްދަލުކުރާއިރު، ދެވަނަ ޓީމު ނިކުންނާނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ.

ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ޓީމުތަކުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 23 ވާ ހުކުރު ދުވަހު އެވެ. ސެމީ މެޗުތަކުން ބަލިވި ޓީމުތަކުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރު އެވެ.

ކިޔުންތެރިންގެ ހިޔާލު