ENGLISH
17 ޖެނުއަރީ 2026
ސޫރިޔަގެ ކުރުދީންނަށް ރައްޔިތުކަމާއި ބަހާ ގުޅޭ ހާއްސަ ހައްގުތަކެއް އެގައުމުގެ ރައީސް ހަމަޖައްސަވައިފި
17 ޖެނުއަރީ 2026
|
ސޫރިޔާގެ ރައީސް އަހްމަދު އައްޝަރުއު
ސޫރިޔާގެ ކުރުދީންނަަށް އެެ ގައުމުގެ ރައްޔިތުކަން އިއާދަކޮށްދެއްވުމާއެކު ފުރަތަމަ ފަހަރަށް އެމީހުންގެ ބަހަކީ ރަސްމީ ބަހެއްގެ ގޮތުގައި ބަލައިގެންނެވުމަށް އެ ގައުމުގެ ރައީސް އަހްމަދު އައްޝަރުޢު ނިންމަވައިފިކަމަށް ސޫރިޔާގެ ދައުލަތުގެ ނޫސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.
ޝަރަޢު މިފަދަ ނިންމެވުމެއް ނިންމަވާފައިވާއިރު ފާއިތުވި ހަފުތާގައި ޙަލަބުގައި ނުރައްކާތެރި ހަމަނުޖެހުންތަކެއް ހިނގާފއިވެއެވެ. އެ ހަމަނުޖެހުންތަކުގައި 23 މީހަކު މަރުވިކަމަށް ސޫރިޔާގެ ސިއްހީ ވުޒާރާއިން ބުނެފައިވެއެވެ. އަދި އެ ހަމަނުޖެހުންތަކުގެ ސަަބަބުން އެ ޝަހަރުގައި ކުރުދީން އުޅޭ ދެ ސަރަހައްދުން 150،000 އަށްވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ހިޖުކުރަކުރަން މަޖުބޫރުވިއެވެ.
އެއް ވެރިކަމެއްގެ ދަށުގައި މުޅި ސޫރިޔާ އެއްބައިވަންތަކުރެއްވުމަށް ޝަރުޢު ކުރައްވަމުންދާ މަސައްކަތްޕުޅަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް ހުރަހަކީ ކުރުދީ ހަނގުރާމަަވެރިންނާއި ސިޔާސީ ޕާޓީތައް އެމަނިކުފާނާއެކު މަސައްކަތްކުރުމަށް ދެކޮޅުހެދުމެވެ.
ޝަރުޢުގެ ގަރާރުގެ ދަށުން ކުރުދީ ޝަހުސިއްޔަތކީ ސޫރިޔާގެ ގައުމީ ފޭރާމުގެ މުހިއްމު ބައެއްގެ ގޮތުގައި ކަނޑައަޅައި، ކުދީ ބަހަކީ އަރަބި ބަހާއެކު ގައުމީ ބަހެއްގެ ގޮތުގައި ހިމަނައި ސްކޫލުތަކުގައި އެބަސް ކިޔަވައިދިނުމުގެ ހުއްދަވަނީ ދީފައެވެ. މިއީ މީގެ ކުރިން ސޫރިޔާގެ ކުރުދީންނަށް އެ ގައުމުގައި ލިބުނު ހައްގެއް ނޫނެވެ.
އޭގެ އިތުރަށް 1962 ވަނަ އަހަރު ހަސަކާ ޕްރޮވިންސްގައި ކުރިއަށްގެންދިޔަ ބޯހިމެނުމުގައި އެ ސަރަހައްދުގެ ހުރިހާ ކުރުދީންގެ ރައްޔިތުކަން އަތުލައިގަތުމަށް ނިންމި ނިންމުން ބާތިލުކުރައްވައި، އެ ސަރަހައްދުގެ ކުރުދީންނަށް އަލުން ސޫރިޔާގެ ރައްޔިތުކަން ދެއްވުމަށްވެސް ޝަރުޢުވަނީ ނިންމަވާފައެވެ.
އޭގެ އިތުރަށް ކުރުދީން ފާހަގަކުރާ ދުވަހެއް ކަމުގައިވާ ރަބީއު ފެށޭ ދުވަސް ނުވަތަ ނައުރުޒްއަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައިވެއެވެ. އަދި ނަސްލީ އަދި ބަހަވީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ތަފާތުކުރުން މަނާކުރައްވައި، ގައުމީ ކަންކަމުގައި އެންމެން ބަައިވެރިކުރުމަށް މުއައްސަސާތަކަށް އަންގަވާފައިވެއެވެ. އަދި ނަސްލީ ހަމަނުޖެހުމަށް ހިތްވަރުދިނުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމަވާފައިވެއެވެ.
ސޫރިޔާ ސަރުކާރާއި އެ ގައުމުގެ އުތުރުދެކުނުގެ ސަރަހައްދު ކޮންޓުރޯލުކުރާ ކުރުދީ އަސްކަރީ ޖަމާއަތްތަކުގެ މެދުގައި، ކުރުދީ އަސްކަރީ އަދި މަދަނީ އިދާރާތައް ސޫރިޔާގެ ސަރުކާރުގެ ތެރޭގައި ޝާމިލުކުރުމާމެދު މަޝްވަރާތައް ކުރެވުނު ނަމަވެސް 2025 ވަނަ އަހަރު ނިމުނީ އެކަމުގައި އެކަށީގެންވާ ކާމިޔާބެއް ނުލިބިއެވެ.