ENGLISH
17 ޖެނުއަރީ 2026
އެމްޑަބްލިއުއެސްސީ ހިންގަނީ ދެމެހެއްޓެނެވި ގޮތެއްގައި، މަޝްރޫއުތައް ހިންގަނީ ރަނގަޅު ފެންވަރުގައި: މަތީން
17 ޖެނުއަރީ 2026
|
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން، ފޮޓޯ: ޖަވިޔަނި
އެމްޑަަބްލިއުއެސްްސީ ހިންގަމުންދަނީ ދެމެހެއްޓެނެވި ގޮތެއްގަައިކަމަށާއި، އެ ކުންފުނިން ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަަށް ފެތޭ ގޮތަށް ރަނގަޅު ފެންވަރުގައި ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލްމަތީން ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ދެއްކެވި ވާހަކަފުޅުގައި މަތީނު ވިދާޅުވީ އެމްޑަަބްލިއުއެސްސީގެ ކާމިޔާބުގެ އެއް ސިއްރަކީ ކުންފުނީގެ ވިޔަފާރި މޮޑެލްއާއި ކުންފުނީގެ ހިއްސާގެ އޮނިގަނޑު ކަމަށެވެ. އެގޮތުން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހިއްސާދާރުން ތިއްބެވުމުން ބޯޑުގައިވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ބޭފުޅުން ތިއްބަވާކަމަށް މަތީނު ވިދާޅުވިއެވެ.
މަތީނު ވިދާޅުވި ގޮތުގައި މިގޮތަށް އެ ކުންފުނީގެ ހިއްސާގެ އޮނިގަނޑު އެކުލަވައިލެވިފައި އޮތުމަކީ ކުންފުނީގެ ހިންގުންތެރިކަން ނުވަތަ ގަވަނޭންސް ރަނގަޅު މިންގަނޑުތަކެއްގެ ތެރޭގައި ހިފަހެއްޓުމަށް ވަރަށް ބޮޑު ބާރަކަށްވެއެވެ. އެކަަމުގެ ސަބަބުން ފެށުނީއްސުރެ އެކުންފުނީގެ ގަވަނެންސް ބައްޓަންކުރެވިފައި އޮތީ ވަރަށް ރަނގަޅަށްކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.
"ރާއްޖޭގައި މިއޮންނަނީ ބަދަލުވަމުންދާ މާހައުލެއް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ މި މަލްޓި ޕާޓީ ޑިމޮކްރަސީގައި އަންނަ ބަދަލުތަކުގެ ތެރޭގައި ކުންފުނިތަކަށް ލޮޅުންތައް ނާންނާނެ ގޮތަށް ކުންފުނީގެ ގަވަނަންސް އޮތިއްޔާ ކުންފުނިތައް ރަނގަޅު ގޮތުގައި ހިންގަން ފަސޭހަވާނެ،" މަތީނު ވިދާޅުވިއެވެ.
ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، އެ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ ގާނޫނުން ލާޒިމުކުރާކަމެއްކަން ފާހަގަކުރައްވަމުން މަތީނު ވިދާޅުވީ ދެމެހެއްޓެނެވި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގައި މާލީ ގޮތުން ހިދުމަތް ދޭ ފަރާތުގެ ދެމެހެއްޓެނެވިކަން ކަށަވަރުކުރުމާއެކު، އެ ހިދުމަތަކީ ހިދުމަތް ލިބިގަންނަ ރައްޔިތުންނަށް އަތް ފޯރާ ފަށުގައި ފޯރުކޮށްދެވޭ ހިދުމަތެއްކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.
މަތީނު ފާހަގަކުރެއްވި ގޮތުގައި މި ދެ މިންގަނޑުން އެމްޑަބްލިއުއެސްސީއަށް ދެމެހެއްޓެނެވި ހިދުމަތެއް ފޯރުކޮށްދެވެނީ ކުންފުނީގެ ބިޒްނަސް މޮޑެލްގެ ހަރުދަނާކަމުންނެވެ. އެގޮތުން އެ ކުންފުނީގެ އަސާސީ މަސައްކަތަކީ ފެނާއި ނަރުދަމާގެ ހިދުމަތް ކަމުގައިވީ ނަމަވެސް ކުންފުންޏަށް އާމްދަނީ ހޯދުމަށް އިތުރު މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު އެމްޑަބްލިއުއެސްސީއަކީ ރާއްޖޭގައި އެންމެ ރަނގަޅު ފެންވަރަށް މެނިފެކްޗަރިން މަސައްކަތްކުރާ އެއް ކުންފުނިކަން ފާހަގަކުރައްވަމުން މަތީނު ވިދާޅުވީ އެ މަސައްކަތް އެހާ ރަނގަޅު ފެންވަރެއްގައި ކުރެވެނީ ކުންފުނީގެ މުވައްޒަފުންގެ ގާބިލުކަމާއި ހީވާގިކަމާއި އީޖާދީ ވިސްނުންތެރިކަމުގެ ސަބަބުން ކަމަށެވެ.
"އެމްޑަބްލިއުއެސްސީގެ އާމްދަނީގެ ދެބައިކުޅަ އެއްބައި ގާތްގަނޑަކަށް ފެނުގެ އާމްދަނީއަކީ. އަނެއްބަޔަކީ އެހެނިހެން މަސައްކަަތްތަކުން އަންނަ އާމްދަނީ. އޭގައި އެމްޑަބްލިއުއެސްސީގެ ސްޓްރެންތަކީ ކުންފުނީގެ މުވައްޒަފުން،" މަތީނު ވިދާޅުވިއެވެ.
"އެހެންވީމާ އާއްމު ރައްޔިތުންނަށްވެސް މީގައި ލުޔެއް ލިބެނީ. އަސާސީ ހިދުމަތްތަކުގެ އަގުތަކަށް ބަދަލުނުގެނެސް ކުންފުނީގެ މާލީ ގާބިލުކަން ދަމަހައްޓައިގެން މަސައްކަތްކުރުމަށް ފުރުސަތު ލިބެނީ ކުންފުނީގެ މަސައްކަތްތައް ޑައިވަސިފައި ކުރުމުން،"
އިތުރަށް މަތީނު ވިދާޅުވީ މިގޮތަށް ފެނާއި ނަރުދަމާ ފިޔަވައި އެހެން މަސައްކަތްތަކުން ކުންފުންޏަށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރެވިފައި އޮތުމުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ނަގާ އަގު ބޮޑުނުކޮށް ދެމެހެއްޓެނެވި ގޮތެއްގައި އެ ހިދުމަތްތައް ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
އިތުރަށް މަތީނު ފާހަގަކުރެއްވީ އެމްޑަބްލިއުއެސްސީން ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަނީ އައިއެސްއޯ ސްޓެންޑަޑަށެވެ. އެ ސްޓެންޑަޑަކީ އަހަރަކު އެއްފަހަރު އޮޑިޓުކޮށް ވަކި މިންގަނޑުތަކެއްގެ ތެރޭގައި ކަންކަން ދަމަހައްޓާކަން ކަށަވަރުކުރުމަށްފަހު ދެމުންދާ ސްޓެންޑަޑެކެވެ. ހުރިހާ މަސައްކަތެއްވެސް ކުރަމުންދަނީ އެ ސްޓެންޑަޑްގައި ހިފަހައްޓަަންޖެހޭ މިންގަނޑުތައް ހިފަހައްޓައިގެންނެވެ.
މަތީނު ދެއްވި ޔަގީންކަމަކީ އެ ކުންފުންޏާ ސަރުކާރުން ހަވާލުކުރާ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ފެންވަރުގައި ހަލުއިކޮށް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަމެވެ.