ENGLISH
11 މޭ 2026
ސިނގިރޭޓް ޑިއުޓީއަށް ލުޔެއް ދިނުމަށް ސަރުކާރުން މިވަގުތު ނުނިންމާ: ރައީސް
11 މޭ 2026
|
ސިނގިރޭޓް ޑިއުޓީއަށް ލުޔެއް ދިނުމަށް ސަރުކާރުން މިވަގުތު ނުނިންމާކަމަށް ރައީސް ވަނީ ވިދާޅުވެފައި.
އެންމެ މަޤްބޫލު
ސިނގިރޭޓް ޑިއުޓީއަށް ލުޔެއް ދިނުމަށް ސަރުކާރުން މިވަގުތު ނުނިންމާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމުގެ ސިޔާސަތު އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ. ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ވަށައިޖެހޭ ސިއްހީ ނިޒާމެއްގެ ތެރެއިން ސިއްހަތާ ބެހޭ ހިދުމަތްތައް ފަހިކޮށްދިނުންކަމަށް ވިދާޅުވި އެވެ. ވަށައިޖެހޭ ސިއްހީ ނިޒާމެއް ކަށަވަރުކޮށްދޭއިރު ދުންފަތުން ރައްޔިތުން ރައްކާތެރިކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވި އެވެ. ވުމާއެކު ސިއްހީ ސިޔާސަތުތަކާ ފުށޫއަރާ އެއްވެސް ކަމަކަށް ސަރުކާރުން ބަދަލު ނުގެންނާނެކަމަށް ވިދާޅުވި އެވެ.
"ވޭޕް މަނާކުރީވެސް އެކަމުގެ ސަބަބުން ޑްރަގްގެ އެކި ކަންކަމަށް މަގުފަހިވާތީ. ޖެނެރޭޝަނަލް ބޭން ގެނައީ އަލަށް ދުންފަތުގެ އިސްތިއުމާލުކުރާ ކުދިން އެކަމުން ދުރުކުރަން. އެކަމަކަށް ނުދަނީ އެކަމަކުން ރައްކާތެރިކުރަން ފަސޭހަވާނެ. ރާއްޖޭގައި ޖެނެރޭޝަނަލް ބޭން އެއް މި އޮތީ ގާއިމުކޮށްފައި. އެކަމަކަށް ބަދަލެއް ނުގެންނާނެ،". ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުންފަތާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުން ރައްޔިތުންނަށް ކުރާ އަސަރުތައް ގާތުން ބަލައި މޮނިޓާކުރަމުން ދާނޭކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ އެކުގައިވެސް މި މަޝްވަރާތައް ހިނގަމުންދާކަމަށާއި މި މަޝްވަރާތަކުގެ ބޭނުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުން ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ސިނގިރޭޓް ޑިއުޓީއަށް ލުޔެއް ދިނުމަށް ސަރުކާރުން މިވަގުތު ނުނިންމާކަމަށް ރައީސް ވިދާޅުވި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މުޅި އުމުރަށް މަނާވާނެ އެވެ. އަދި ހަ މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެ ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ ހުސްވި ނޮވެމްބަރު އެކަކުން ފެށިގެން ނެވެ. އަދި އެ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު ވެސް ވަނީ 18 އަހަރުން 21 އަހަރަށް މަތިކޮށްފަ އެވެ.