ENGLISH

11 މޭ 2026

Advertisement

އޭވީސީ 18 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ތިން އޮފިޝަލަކަށް މުހިންމު ޒިންމާތަކެއް

11 މޭ 2026

|

އިސްމާއިލް ޝާހު

އޭވީސީ 18 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ހަރަކާތްތެރިވި އޮފިޝަލުން ---

އުޒްބެކިސްތާނުގެ ޓަޝްކެންޓުގައި ކުރިއަށްދިޔަ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) 18 އަހަރުން ދަށުގެ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ތަޖުރިބާކާރު ތިން އޮފިޝަލުން މުހިންމު ދައުރެއް އަދާކޮށްފިއެވެ.

މި މަހުގެ 6-10 އަށް ކުރިއަށްދިޔަ މި މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓެއްގެ ގޮތުގައި ރާއްޖޭގެ ބައިނަލްއަގުވާމީ ރެފުރީ ހުސައިން މުޙައްމަދު މަސައްކަތް ކުރިއިރު، އޭވީސީ ބީޗް ވޮލީބޯލް ރެފުރީ އިސްމާޢީލް ޢަބްދުﷲ (އިންމަ) ވަނީ މުބާރާތުގައި ނިއުޓްރަލް ރެފުރީއެއްގެ ގޮތުގައި އިންސާފުކޮށްދީފައެވެ. އަދި މެޑިކަލް ޑެލިގޭޓެއްގެ ގޮތުގައި ހަރަކާތްތެރިވީ އޭވީސީގެ މެޑިކަލް ކޮމިޓީގެ މެންބަރު ރާއްޖޭގެ އަޙްމަދު ޝަކީބެވެ.

މި މުބާރާތުގެ ޓެކްނިކަލް ޑެލިގޭޓެއްގެ ގޮތުގައި ރާއްޖޭގެ ހުސައިން މަސައްކަތްކުރިއިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިލިޕީންސްގައި ބޭއްވި އޭވީސީގެ ބީޗް ވޮލީބޯޅަ ޓުއާގެ ޓެކްނިކަލް ޑެލިގޭޓުކަންވެސް އޭނާ ވަނީ ކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި އޭނާ ވަނީ ރެފުރީއެއްގެ ގޮތުގައި އިންސާފުކޮށްފައެވެ.

އޭވީސީ 18 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ނިއުޓްރަލް ރެފުރީއެއްގެ ގޮތުގައި އިންސާފުކުރުމުގެ ފުރުސަތު އިންމައަށް ލިބުނުއިރު، މިދިޔަ އޮކްޓޯބަރު މަހު ބަހްރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގެ ބީޗް ވޮލީ މެޗުތަކުގައިވެސް އިންމަ ވަނީ ނިއުޓްރަލް ރެފުރީއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. 

މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި މެޑިކަލް ޑެލިގޭޓެއްގެ ގޮތުގައި ހަރަކާތްތެރިވި ޝަކީބް ވަނީ މީގެ ކުރިން އޭޝިއާގެ ފުޓްބައިގެ މައި އިދާރާ، އޭއެފްސީއާ ގުޅޭ މުހިންމު ސެމިނާތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ކުޅިވަރަށް ޚިދުމަތްކުރުމުގެ ރޮނގުން 2015 ވަނަ އަހަރު ގައުމީ އިނާމު ހާސިލްކުރައްވާފައިވާ ޝަކީބް ވަނީ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ. އެފްއޭއެމްގެ މެޑިކަލް ޑިޕާޓްމަންޓުގައިވެސް މަސައްކަތް ކުރެއްވި ޝަކީބް ވަނީ 1997 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުތަކާއި އެފްއޭއެމްގައި މެޑިކަލް ކަންކަމުގައި އިސް މަސައްކަތްތަކެއް ކުރައްވާފައެވެ.

އުޒްބެކިސްތާނުގެ އޮލިމްޕިކް ވިލެޖްގައި ބޭއްވި އޭވީސީ 18 އަހަރުން ދަށުގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ތިން އޮފިޝަލުން ހަރަކާތްތެރިވުމަކީ ދިވެހި ވޮލީބޯޅައަށް ލިބުނު ކުރިއެރުމެއް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު