ENGLISH
17 ޖެނުއަރީ 2026
ހާރިޖީ ސިޔާސަތަށް އައި ބަދަލު؛ ވާދަވެރި ބާރުތަކާއެކު އެއްހަމަަ ގުޅުން ބާއްވައިގެން ރާއްޖެއަށް ބޮޑު ފައިދާއެއް
17 ޖެނުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ދިވެހިރާއްޖެއަކީ ވަކި އަތަކަށް ބުރަނުވެ، 1970 އަދި 1980 ގެ އަހަރުތަކުގައި ދުނިޔޭގައި ހިނގަމުން އައި ފިނި ހަނގުރާމައިގެ ތެރޭގައި، މިނިވަން ހާރިޖީ ސިޔާސަތެއް ދެމެހެއްޓި ގައުމެކެވެ. ފިނި ހަނގުރާމައިގަ އެއިރުގެ ސޯވިއެޓް ޔޫނިއަންއާއި އިރުމަތީ ބްލޮކުގެ ގައުމުތަކާއި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ރާއްޖެއިން ނުވަދެއެވެ. ފިނި ހަނގުރާމަ ނިމުމަށްފަހުވެސް ރާއްޖެއިން ދަމަހައްޓަމުން އައީ ވަކި އަތަކަށް ބުރަނުވުމުގެ ސިޔާސަތެކެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަން ނިމުމާ ހަމައަށް ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައި އަސާސަކީ މިދެންނެވުނުހެން ވަކި އަތަކަށް ބުރަނުވުމެވެ.
ވަކި އަތަކަށް ބުރަނުވުމުގެ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް އަންނާން ފެށީ މަލްޓި ޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުކުރެވުމަށްފަހު ރައީސް މައުމޫނުގެ ވެރިކަން ނިމި، އޭގެ ފަހުން އައި ސަރުކާރުތަކުގައެވެ. މި ބަދަލުގެ މައިގަނޑު މަސްދަރަކީ ދުނިޔެއަށް އައި ބަދަލުތަކާއި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ފިކުރަށް އައި ބަދަލުތަކެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖެއިން އިސްކަންދިނީ ހުޅަނގުގެ ގައުމުތަކާ ގާތް ގުޅުމެއް ބޭއްވުމަށެވެ. އަދި އިސްރާއީލާއެކު ސިއްރިއްޔާތުގައި ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށްގެންގޮސް ދެ ގައުމުގެ މެދުގައި ގުޅުން ގާއިމުކުރުމަށް މަސައްކަތްކުރެވުނެވެ. އަވައްޓެރި ގައުމުތަކަށް ބަލާއިރު، އިންޑިޔާއާ ގާތްގުޅުމެއް ބޭއްވިއެވެ. ނަމަވެސް ޗައިނާއާއެކު އޮތް ގުޅުން ބަދަހިވިއެވެ.
އެމަނިކުފާނު ރައީސްކަމުން އިސްތިއުފާދެއްވުމުން އެއިރުގެ ނައިބުރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަންމަނިކު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ދެ އަހަރެއްހައި ދުވަހު ވެރިކަންކުރެއްވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. އަރަބި އިސްލާމީ ގައުމުތަކާ ރައީސް ނަޝީދުގެ ވެރިކަމުގައި އޮތީ ދުރުވެފައެވެ. ނަމަވެސް ވަހީދުގެ ވެރިކަމުގައި އެ ގުޅުން އިތުރަށް ބަދަހިކުރެވުނެވެ.
ދެން ވެރިކަމަށް ވަޑައިގަތީ ރައީސް އަބްދުﷲ ޔާމީނެވެ. ހުޅަނގުން އިރުމައްޗަށް ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމާޒު ބަދަލުކުރައްވައި ޗައިނާއާއެކު ކުރިން އޮތް ގުޅުމަށްވުރެ ގާތް ގުޅުމެއް އެމަނިކުފާނު ގާއިމުކުރެއްވިއެވެ. އެ ގުޅުމުގެ ތެރެއިން އެހައިތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑެތި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ލުއި ގޮތްތަކެއްގައި ފައިސާ ހޯދުނެވެ. އެއާއެކު ރައީސް ވަހީދުގެ ދައުރުން ފެށިގެން އަރަބި އިސްލާމީ ގައުމުތަކާ ގާއިމުކުރެވިފައި އޮތް އެކުވެރި ގާތްކަން އެއަށްވުރެ ބޮޑަށް ގާތްވިއެވެ. ނަތީޖާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ފަދަ ބޮޑެތި މަޝްރޫއުތަކަށް އަރަބި އިސްލާމީ ގައުމުތަކުގެ އެހީތެރިކަން ލިބުމެވެ.
ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމުކުރެއްވި ގާތް ގުޅުމާއެކު އަވައްޓެރި އިންޑިޔާއާ އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވިއެވެ. އެ ގުޅުން ހީނަރުވެ، ދެ ގައުމަކީ ހަތުރުން ކަމުގައި ސިފަވާ މިންވަރަށް ކަންކަން ގޯސްވިއެވެ. އިންޑިޔާއިން ދިވެހިންނަށް ވިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިކުރުމުން، ރާއްޖެއިންވެސް އިންޑިޔާ މީހުންނަށް ވިސާ ދޫކުރުމުގައި ކޮންޓުރޯލުތަކެއް ގެންގުޅުނެވެ. އިންޑިޔާއިން ހިލައާއި ހިލަވެލި ރާއްޖެއަށް އެތެރެކުރުމުގައި ދީފައި ހުރި ލުއިތައް އުވައިލިއެވެ. އިންޑިޔާގެ މައިގަނޑު ކަންބޮޑުވުމަކަށް އޮތީ ޗައިނާއާ ރާއްޖޭގެ ގުޅުން ބަދަހިވުމެވެ.
ރައީސް ޔާމީނުގެ ވެރިކަން ނިމި ދެން ފެށުނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހާރިޖީ ސިޔާސަތު އެފުށް މިފުށަށް ޖަހައި، ޗައިނާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުކުރިއެވެ. އަދި އިންޑިޔާއާއެކު އޮތް ގުޅުން ބަދަހިކުރަމުން ގޮސް ހުރިހާ ކަމެއްގައި އިންޑިޔާގެ މައްޗަށް ބަރޯސާވެ، ރާއްޖޭގައި ހުންނެވި އިންޑިޔާ ސަފީރަކީ ރާއްޖޭގެ ގަވަނަރު ކަމުގައި ހީވާ މިންވަރަށް ދާހިލީ ހާރިޖީ ކަންކަމުގައި އިންޑިޔާއަށް ޖާގަ ދިނެވެ.
ރާއްޖެއަކީ ޒަމާނުއްސުރެ ހާރިޖީ ގުޅުންތައް ތިލަފަތްހަމަކުރަމުން އައި ގައުމެއް ނަމަވެސް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ސަބަބުން އެ ތިލަފަތް ހަމަ ގުޅުން އެގޮތުގައި ނެގެހެއްޓުމަކީ ބޮޑު ގޮންޖެހުމަކަށްވެ، ބައެއްފަހަރު އިންޑިޔާއާ ގާތްވެ، ބައެއްފަހަރު ޗައިނާއާ ގާތްވާ ގޮތަށް ހާރިޖީ ސިޔާސަތު ފުރޮޅުނީ އެއިރުގައި ތިއްބެވި ވެރިންގެ ވިސްނުންފުޅުގައި ހުރި އުނިކަމަކުންނެވެ.
ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދެވެ. އިންޑިޔާއަކީ ދުނިޔޭގައި އެންމެ ހަލުއިކޮށް ކުރިއަރަމުން އަންނަ އިގުތިސާދެވެ. ދެ ގައުމުގެ ތަނަވަސްކަން އިތުރުވެ، އެ ގައުމުތަކުން ބޭރުގައި އިންވެސްޓުކުރާ މިންވަރު އިތުރުވަމުންދާއިރު، ރާއްޖެއަކީ މި ދެ ގައުމާވެސް ގާތް ގުޅުމެއް ބޭއްވޭނެ ހާލަތެއްގައި އޮތް ގައުމެކެވެ.
ނަމަވެސް ވަކި އަތަކަށް ބުރަވާ ހާރިޖީ ސިޔާސަތު ހިންގުމުން ނިކުތް ނަތީޖާއަކީ އެއްފަހަރާ ދެ ގައުމުން އެހީތެރިކަން ނުލިބުމެވެ. 2013 އިން 2018 އަށް އިންޑިޔާގެ މާލީ ބޮޑު އެހީތެރިކަމެއް ރާއްޖެއަށް ނުލިބެއެވެ. އިސްލާމީ އަރަބި ގައުމުތަކުގެ އެހީތެރިކަން ފިޔަވައި ލިބުނު އެހީއެއް ލިބުނީ ޗައިނާއިންނެވެ. 2018 އިން 2023 އަށް ޗައިނާގެ ހިލަމެއް ނެތެވެ. އޮތީ އިންޑިޔާއިން ދިން ލައިން އޮފް ކްރެޑިޓްތަކާއި އެނޫންވެސް އެހީތަކެވެ.
މިއީ އެ ގައުމުތަކުގެ މައްސަލައެއް ނޫނެވެ. އެއީ ރާއްޖޭގެ ވެރިން ހިންގެވި ދެކޮޅުނުޖެހޭ ތިލަފަތް ހަމަނޫން ހާރިޖީ ސިޔާސަތުގެ ނަތީޖާއެވެ. ގެއްލިގެން ދިޔަ ފުރުސަތުތައް ގިނައެވެ. ދެ ގައުމާ އެއްހަމަ ގުޅުމެއް ބޭއްވުނުނަމަ، އިންޑިޔާއާއި ޗައިނާއަކީވެސް ރާއްޖޭގެ ތަރައްގީއަށް އެއްހަމައެއްގައި ހިއްސާކުރާނެ ދެ ބައިވެރިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު އިންޑިޔާ ސިފައިން ފޮނުވައިލުމުގެ މައްސަލާގައި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އޮތެވެ. ހިމޭން ޑިޕްލޮމަސީގެ ތެރެއިން ކުރެވުނު މަސައްކަތްތަކުން މިއަދު އިންޑިޔާ ސިފައިން ގެންގޮސްފިއެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް ގޮވައިލާ ހިންގި ސިޔާސީ ހަރަކާތުގެ ތެރެއިން ދެ ގައުމުގެ މެދުގައި އުފެދުނު ނުތަނަވަސްކަން މިހާރުވަނީ ނެތިކޮށްލެވިފައެވެ. ރާއްޖެއާއި އިންޑިޔާގެ ގުޅުން ބަދަހިވެ، ރައީސް ޑރ.މުޢިއްޒު އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ވަޑައިގެންފައިވެއެވެ.
އަދި އިންޑިޔާއިންވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެކެވެ. ރާއްޖެއިން އިންޑިޔާއަށް ދައްކަން ހުރި ދަރަނި ދެއްކުން އެ ގައުމުން އަންނަނީ ފަސްކޮށްދެމުންނެވެ. އެއީ އިންޓަރެސްޓު އިތުރުނުވާނެ ގޮތަށެވެ. އޭގެ އިތުރަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހީތެރިވުމަށް 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ހަމަޖައްސައިދީފައިވެއެވެ.
އިންޑިޔާއާއެކު އޮތް ގުޅުން މި ސަރުކާރުން ބަދަހިކުރީ އެހެން ގައުމަކާ އޮތް ގުޅުން ގުރުބާންކޮށްގެންނެއް ނޫނެވެ. ކުރިއާ ހިލާފަށް ޗައިނާއާއެކު އޮތް ގުޅުންވެސް މިއިން ޒަމާނަކު ބަދަހިވެފައި ނެތް މިންވަރަށް ބަދަހިވެއްޖެއެވެ. ރައީސް ޑރ.މުޢިއްޒު ދެ ފަހަރެއްގެ މަތިން ޗައިނާއަށް ޒިޔާރަތްކުރައްވައިފިއެވެ. އެގައުމުގެ އެންމެ މަތީ ފަންތީގެ ވެރިން ރާއްޖެއަށް ޒިޔާރަތްކުރައްވައެވެ.
ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތަކާއި ދަރަނިތައް އަދާކުރުމުގައި ބޮޑެތި ލުއިތަކެއް އެ ގައުމުންވަނީ ހަމަޖައްސައިދީފައެވެ. އަދި މާލޭ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުން ފަދަ މުހިއްމު ބޮޑެތި މަޝްރޫއުތައް ހިލޭ ހިންގައިދޭން ޗައިނާއިން އެއްބަސްވެ، އެ މަޝްރޫއުތަކުގެ ބައެއް މަސައްކަތްތައް މިހާރު އެދަނީ ފެށިގެން ކުރިއަށެވެ.
ވާދަވެރި ދެ ބާރުގެ މެދުގައި ތިލަފަތްހަމަ ގުޅުމެއް ބޭއްވުމަކީ ކުރެވިދާނެކަމެއްކަން ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ސާބިތުކޮށްދީފިއެވެ. އަދި އެފަދަ ތިލަފަތްހަމަ ގުޅުމެއް ގައުމުތަކާ ބޭއްވެވެވުމުން އެކަމުން ރާއްޖެއަށް ލިބޭ މަންފާ މިދަނީ ފެންނަމުންނެވެ. ކުރީގެ ވެރިންގެ އެ ތަސައްވުރު ނެތުމުން ގެއްލުނު ފުރުސަތުތައް މިއަދު ރައީސް ޑރ.މުޢިއްޒު ތަންފީޒުކުރައްވަމުންގެންދަވާ "ޕްރޯ މޯލްޑިވްސް"ގެ ހިކުމަތްތެރި ސިޔާސަތުން މިދަނީ ފެނި ހާމަވަމުންނެވެ. މިއީ ހާރިޖީ ގުޅުންތަކުގައި ރާއްޖެއަށް މުޅިން އައު ބާބެކެވެ. ނަމަވެސް މިއީ ބޮޑެތި ބާރުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ނުވަދެ، އެކަމުގައި ޝާމިލުނުވެ، ރާއްޖެއަށް އެ ވާދަވެރިކަމުން މަންފާ ހޯދިދާނެކަން ސާބިތުކޮށްދޭ ސިޔާސަތެކެވެ.