ENGLISH
16 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް ބަލިކޮށް، ރާއްޖޭގެ ދެވަނަ މޮޅާއެކު އަދިވެސް އެއްވަނައިގަ
16 ޖެނުއަރީ 2026
|
މެޗުގައި ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ސާފް
ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު ކުޅުނު މެޗުގައި ބަންގްލަދޭޝް 6-1 އިން ބަލިކޮށް، ރާއްޖޭން އެއްވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.
ރާއްޖޭން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައެވެ.
ބެންކޮކްގެ ހުއަ މަކް އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ މިނެޓުގައި ރާއްޖޭން ލީޑުނެގީ ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) ކާމިޔާބުކުރި ގޯލުންނެވެ. މިއީ އަރިމަތިން ރާއްޖޭގެ އަހުމަދު ހަމީދު (އައްމަޑޭ) ޖައްސާލި ބޯޅައެއް އޭރިޔާ ބޭރުން ފޮނުވާލައިގެން އިންމި ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ ނުވަވަނަ މިނެޓުގައި ޢަބްދުﷲ ޝާފިޢު (ޝާއްޕެ) ދިން ބޯޅައަކުން އިޝާން އިބްރާހިމް (ސައްޓު) ވަނީ ރާއްޖޭގެ ދެވަނަ ލަނޑުޖަހައިދީފައެވެ. އޭގެ މިނެޓެއްފަހުން، ރާއްޖޭގެ ކެޕްޓަން، އިންމި ދިން ބޯޅައެއްގެ އެހީގައި އަހުމަދު ރާހިލް ރަޝީދު ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ރާއްޖޭގެ ލީޑު ފުޅާކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަލީ ޝިޔާހު އެވެ. މިއީ ޕެނަލްޓީއޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ޝިޔާހު ފޮނުވާލި ބޯޅަ ހުއްޓުވުމުގެ ގޮތުން ބަންގްލަދޭޝްގެ ކުޅުންތެރިއަކު އޭރިޔާތެރެއިން ބޯޅައިގައި އަތްލުމުން ދިން ޕެނަލްޓީއެކެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް، ބަންގްލަދޭޝްގެ ކާޒީ އިބްރާހިމް ވަނީ ހާފުގެ މެދާހިސާބުން ފޮނުވާލި ހަމަލާއަކުން އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ.
މެޗުގެ 30 ވަނަ މިނެޓުގައި ރާއްޖޭގެ ފަސްވަނަ ލަނޑުޖަހައިދިނީ އިންމި އެވެ. އޭގެފަހުން، މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށް، ރާއްޖޭގެ ހަވަނަ ލަނޑުޖެހީ ބަންގްލަދޭޝްގެ ކުޅުންތެރިން ޕަވާޕްލޭއެއްގައި ކުރިއަށްޖެހި ތިބި ދަނޑިވަޅުގައި އޭގެ ފައިދާ ނަގައި އަމިއްލަ ހާފުގައި ހުރެ ފޮނުވާލި ބޯޅައަކުން ޝާއްޕެ އެވެ.
މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.