ENGLISH
16 ޖެނުއަރީ 2026
މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ވެހިކަލްގެ ފުރަތަމަ ޝިޕްމަންޓް މި މަހު ރާއްޖެ އަންނާނެ: ނިހާދު
16 ޖެނުއަރީ 2026
|
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ނިހާދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: އެމްއެމްޓީވީ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ބިޔަ ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއެކު ސަރުކާރުން ގެންނަ ފުރަތަމަ ވެހިކަލް ޝިޕްމަންޓް، މި މަހު ރާއްޖެ އަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
"އެމްއެމްޓީވީ"ގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިހާދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާއިރު ބައިވަރު މެޝިނަރީޒް އާއި ވެހިކަލްތައް ބޭނުންވާނެ ކަމަށެވެ. މިފަދަ ބޮޑެތި ޕްރޮޖެކްޓުތަކަށް ބޭނުންވާ މެޝިނަރީޒް އާއި ވެހިކަލްސް ރާއްޖޭގައި ނެތުމާއި، އެ ތަކެތި ބޮޑު އަގުގައި ގަންނަންޖެހުމަކީ މި މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް ނިހާދު ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
""ސަރުކާރުގެ ސިޔާސަތަކަށްވީ މި ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ މެޝިނަރީޒްއާއި ވެހިކަލްސް ބަލްކް ޕްރޮކިއުމެންޓް އުސޫލުގެ ތެރެއިން އަގު ހެޔޮކޮށް ހޯދުން. މިހާރު އެވަނީ އެކަން ތަރުތީބުވެ ނިމިފައި. މި މަހުގެ 20 ހާ ތަނުގައި ފުރަތަމަ ވެހިކަލް ބޯޓު ރާއްޖެ އަންނާނެ. މި ހުރިހާ ވެހިކަލްތަކެއް ރާއްޖެ އައުމާ އެކީގައި މިހާރަށް ވުރެ ބާރު ސްޕީޑުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މުޅި ރާއްޖޭގައި ފެށިގެން ދާނެ،"" - ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނިހާދު
މި ވެހިކަލް ބޯޓު ރާއްޖެ އައުމާއިއެކު ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ ހުރިހާ މަޝްރޫއެއް މެކުހަށް ޖަހަނެކަމަށް ނިހާދު ވިދާޅުވިއެވެ.
ނިހާދު އިތުރަށް ވިދާޅުވީ އައު ސަރުކާރު ވެރިކަމާ ހަވާލުވެ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފަށާފައިވާ ބިން ހިއްކުމުގެ މަޝްރޫއު ފުޅާކުރުމަށް ބޭނުންވާ 300 މިލިއަން ރުފިޔާ، ބަޖެޓުގައި ހިމަނައި ދިނުމަށް އޭރުގެ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގައި އެދުނު ކަމަށެވެ. ނަމަވެސް ސަރުކާރުން އެދުނު ގޮތަށް އެކަން ނުކޮށްދީ އެ 300 މިލިއަން ރުފިޔާ އެކިއެކި ޕްރޮޖެކްޓުތަކަށް ބަހާލީކަމަށް އެ އެއިރު މަޖިލީހުގައި ފޭދޫ ދާއިރާ ތަމްސީލުކުރެއްވި މެމްބަރު ވިދާޅުވިއެވެ.
އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު އެ ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާކަމަށް ވިދާޅުވެ އެ ޕާޓީއާ ދުރަށް ވަޑައިގެންނެވި ނިހާދު ވަނީ މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ރަށްރަށަށް ކޮށްދެނީ ވަރަށް ކުދިކުދި ކަންތައްތައް ކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން ނިހާދު ވަނީ އެ ކުދިކުދި ކަންތައްތައް އެމްޑީޕީގެ ފަސް އަހަރު ނިމިގެން ދިޔައިރު ރައްޔިތުންނަށް ކޮށްނުދިނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
ނިހާދު މިފަދައިން ވިދާޅުވިއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަކީ މުހިންމުކަމެއްކަމަށް ނުދެކޭކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައި އެމްޑީޕީން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި މިހާރު ކުރިއަށްދާ ބާޒާރުމަތީ މަގުހެދުމުގެ ޕްރޮޖެކްޓަކީ ވެސް ކުޑަކުޑަ ކަމެއް ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފުރަތަމަ ވެހިކަލް ބޯޓު މި މަހު ރާއްޖެ އަންނާނެކަމަށް ނިހާދު ވިދާޅުވީއިރު އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއިތަކެއް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިނގަމުންނެވެ. އަދި ކުރީ ސަރުކާރުން ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އެބަހުއްޓެވެ.
މާލީ ވުޒާރާގެ އިސްވެރިންނާ އެކު ބަޖެޓު ދިރާސާކުރާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ދާއިރާތަކުގައި ހިނގަމުންދާ މަޝްރުތަކާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ގިނަވެގެން ދެ އަހަރުގެ ތެރޭގައި ނިންމަން ބާރުއަޅާނެ ކަމަށެވެ.