ENGLISH
16 ޖެނުއަރީ 2026
އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން: ހުކުރު ޚުޠުބާ
16 ޖެނުއަރީ 2026
|
އިސްރާއާއި މިޢުރާޖުގެ ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
"އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތައް" މި މަޢުޟޫއަށް މުޅި ރާއްޖޭގައި މިއަދު ދިން ޚުޠުބާގައި ބުނީ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟުރަތުން ވާތްގާއި މަދަދު ހޯދާ މީހާ ނާއުންމީދުވާން ނުޖެހޭނޭ ކަމަށެވެ.
"ކީރިތި ރަސޫލާ صلى الله عليه وسلم ގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ އެކަލޭގެފާނު އިސްލާމީ ދަޢުވަތު ދެއްވުމުގައި އުފުއްލަވަމުން ގެންދެވި ބުރަތަކަށާއި އެ ކަމަށްޓަކައި ތަޙައްމަލުކުރެއްވި ދަތިތަކަށާއި، ކެތްތެރިވެވަޑައިގަތް ކެތްތެރިވެވަޑައިގަތުމަށް މާތްالله ދެއްވެވި މަތިވެރި އިނާމެކެވެ. އެއީ އެކަލޭގެފާނުގެ ނިޔަނެތި އަދި މަދަދުވެރި އަނބިކަނބަލުން ޚަދީޖަތުގެފާނާއި އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ހުންނެވި ލޮބުވެތި ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ސަބަބުން ލިބިވަޑައިގަތް ހިތާމައަށް ދެއްވެވި ތަސައްލީއެކެވެ. މި ޙާދިސާއިން އެނގެނީ ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނޭކަމެވެ." ޚުޠުބާގައި ބުންޏެވެ.
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ލިބިގަންނަން ޖެހޭ ޢިބުރަތްތަކުގެ ތެރޭގައި، ހިތުގެ ޠާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަންވާ ކަމަށާއި، އެއްވެސް ކަމަކާ ކުރިމަތިލާން ވާނީ ސަލާމަތް ހިތަކާއި ފުރިހަމަ އީމާންކަމާ އެކުގައި ކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.
އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ނަބިއްޔާ صلى الله عليه وسلم ގެ މާތްކަމާއި ނަބީބޭކަލުންގެ އަރިހުގައި އެކަލޭގެފާނުގެ މަޤާމުގެ މަތިވެރިކަން ހާމަވި ކަމަށާއި، އެކަލޭގެފާނު ހުރިހައި ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން، ބައިތުލްމަޤްދިސުގައި ނަމާދުފުޅުކުރެއްވުމުން އެކަން ހާމަވެގެންދިޔަ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.
"އިސްރާއަކީ މި ބިންމަތީގައި ހިނގި ހާދިސާއެކެވެ. ރޭގަނޑުން ބައެއްގައި މާތްالله މާތްކުރައްވައިފައިވާ މައްކާގެ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ކުރެއްވި ދަތުރުފުޅެވެ. މިޢުރާޖުގެ ދަތުރުފުޅަކީ ބައިތުލް މަޤްދިސުން ފެށިގެން މަތިވެރިވެގެންވާ އުޑުތަކަށް އަދި އެއަށް ފަހު ސިދުރަތުލްމުންތަހާއަށް ކުރެއްވި ދަތުރުފުޅެވެ. މި ދަތުރުފުޅު ނިމުނު ހިސާބު ދެނެވޮޑިގެންވަނީ ހުރިހައި ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ، އެއްވެސް ކަމެއް ވަންހަނާވެގެންނުވާ اللهُ سُبْحَانَهُ وَتَعَالَى އެވެ. ކީރިތި ރަސޫލާ صلى الله عليه وسلم، ކުރީން ވެސް އަދި ފަހުން ވެސް، އެއްވެސް މީހަކަށް ވާޞިލު ނުވެވޭނޭ މަތިވެރި މަޤާމަކަށް މި ދަތުރުފުޅުގައި ވާޞިލުވެވަޑައިގަތެވެ." ޚުޠުބާގައި ބުންޏެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި އުންމަތަށް މިޢުރާޖުގެ ދަތުރުފުޅުގައި މާތް الله ދެއްވެވި އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދުކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ. ޚުޠުބާގައި ބުނީ، އެއީ އެއްވެސް މެދުވެރިއަކާ ނުލައި، ރަސޫލާ صلى الله عليه وسلم ގެ މައްޗަށާއި އެކަލޭގެފާނުގެ އުންމަތުގެ މައްޗަށް ފަރުޟުކުރެއްވި އަޅުކަމެއް ކަމަށްވީހިނދު، ނަމާދަކީ މުސްލިމުންގެ މިޢުރާޖުކަމަށް ޢިލްމުވެރީން ވިދާޅުވެފައިވާ ކަމަށެވެ.
"ޙަޤީޤީ އެކުވެރީންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ، އިސްރާއާއި މިޢުރާޖުގެ ވާހަކަފުޅުތައް މައްކާގެ އަހުލުވެރީންގެ ގާތުގައި ދެއްކެވުމުން، އެކަލޭގެފާނު ދޮގުކުރުމުގައްޔާއި، މުއުމިނުންގެ ހިތްތަކުގައި އެކަލޭގެފާނާ މެދު ޝައްކު އުފެއްދުމަށް، މުޝްރިކުން އަވަސްވެގަތެވެ. މި ނާޒުކު ދަނޑިވަޅުގައި، އެއްވެސް ޖެހިލުންވުމަކާނުލައި، ސާބިތުކަމާއެކު އެކަލޭގެފާނުގެ ބަސްފުޅުތައް ތެދުކުރެއްވި ބޭކަލަކީ އަބޫބަކުރުގެފާނެވެ. އެކަމުގެ ސަބަބުން އެކަލޭގެފާނަށް އައްޞިއްދީޤުގެ ލަޤަބު ލިބިވަޑައިގަތެވެ." ޚުޠުބާގައި ބުންޏެވެ.
ޚުޠުބާ ނިންމާލަމުން ވަނީ، އިސްރާއާއި މިޢުރާޖުން ކަށަވަރުވާ އަނެއް ކަމަކީ، އިންސާނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް މާތްالله މަތިވެރި ސަވާބާއި ދަރުމަ ދެއްވާނޭކަން ކަމަށާއި، އޭނާގެ ދޫ ރައްކާތެރިކޮށް، اللهގެ މަތީން ހަނދުމަކުރުމުގައި ދެމިހުންނަ މީހާއަށް ގިނަގުނަ ސަވާބު ދެއްވާނޭކަން ހަނދާންކޮށްދީފައެވެ.