ENGLISH

16 ޖެނުއަރީ 2026

Advertisement

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ނޭޕާލް އަތުން ބަލިވިޔަސް ރާއްޖޭން ދެއްކީ އުއްމީދީ ކުޅުމެއް

15 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ނޭޕާލާ ދެކޮޅަށް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ސާފް

މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި ނޭޕާލް އަތުން 5-0 އިން ރާއްޖެ ބަލިވެއްޖެއެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި 11-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޑިއާ އަތުން ބަލިވިނަމަވެސް، މިއަދުގެ މެޗުގައި ރާއްޖޭން ވަނީ ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ހުއަ މަކް އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ނޭޕާލުން ލީޑުނެގީ ޖެނިފާ ރާނާގެ ގޯލުންނެވެ. އޭގެފަހުން، މެޗުގެ 11 ވަނަ މިނެޓުގައި ބިމާލާ ޗައުދަރީގެ ގޯލުން ނޭޕާލުން ދެ ލަނޑުގެ ލީޑެއްނެގިއިރު، މި ލަނޑުޖެހިތާ މިނެޓެއްގެ ތެރޭގައި ޖެނިފާ ރާނާ ވަނީ އިތުރު ގޯލެއްޖަހައި، ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް، 18 ވަނަ މިނެޓުގައި ނޭޕާލްގެ ހަތަރުވަނަ ލަނޑުޖަހައިދިނީ މަނީޝާ ތާޕާ މަގަރް އެވެ. މިއީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގައި ނޭޕާލުން ޖެހި ފަސްވަނަ ލަނޑަކީ، ފަހު ހާފުގައި ރާއްޖޭގެ ފާތިމަތު ސައިނާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ނޭޕާލުން މި ލަނޑުޖެހީ މެޗު ނިމެން މިނެޓަކަށްވެފައިވަނިކޮށެވެ.

މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ދެން ކުޅޭ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު