ENGLISH
15 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ
15 ޖެނުއަރީ 2026
|
ކައުންސިލް އިންތިހާބާ ގުޅިގެން ކޮމިޝަނުން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން// ފޮޓޯ؛ އިލެކްޝަން ކޮމިޝަން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
މި އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޮނިހިރު ދުވަހުން ފެށިގެން ފެބުރުއަރީމަހުގެ ފުރަތަމަ ދުވަހުގެ ރޭ މެންދަމު 12:00 އާ ހަމަ އަށް ހުޅުވާލަން ނިންމާފައިވާކަމަށެވެ. މިފަހަރުގެ އިންތިހާބުގައި ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅާނީ ސިމަދަ ޕޯޓަލް މެދުވެރިކޮށް ޑިޖިޓަލްކޮށްކަމަށް ޒާހިދު ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ބޭއްވޭ އިންތިހާބެއްގައި ޑިޖިޓަލްކޮށް ފޯމު ބަލައިގަންނަ ފުރަތަމަ ފަހަރެވެ.
ޒާހިދު ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން ހަވީރު 3:30 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 3:30 އިން 6:00 އަށް ފޯމު ހުށަހެޅޭނެކަމަށެވެ. ކޮމިޝަނުން އާއްމުކޮށްފައިވާ މި ވަގުތުތަކުގައި ނޫނީ ފޯމު ހުށަނޭޅޭނެކަމަށް ޒާހިދު ވިދާޅުވިއެވެ.
ވޯޓުކުމުގެ ކަންކަން ކުރިއަށްދާނީ އަންނަ އޭޕްރީލް މަހުގެ ހަތަރެއް ވާ ހޮނިހިރުދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް ޒާހިދު ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރަންޖެހެއެވެ. އެގޮތުން ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން އިންތިޚާބުކުރަންޖެހޭއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 އިންތިހާބުކުރަންޖެހެއެވެ. އިންތިހާބާ ގުޅޭގޮތުން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ކޮމިޝަނުން ވަމުންދާ ކަމަށް ޒާހިދު ވިދާޅުވިއެވެ.
މި އިންތިހާބުގައި ޖުމްލަ 561 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ އަތޮޅުތެރޭގައި 321 ފޮށި، މާލޭގައި ބަހައްޓާ 240 ފޮށީގެ އިތުރުން ރިސޯޓުތަކުގައި ބަހައްޓާ 50 ފޮއްޓާއި، ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި ބަހައްޓާއި ތިން ފޮއްޓާއި އަދި ޖަލުތަކުގައި ބަހައްޓާ ދެ ފޮއްޓެވެ. އަދި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށާއި، ސްރީލަންކާގެ ކޮލަމްބޯގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބުކުރާނެއެވެ. މީގެ ތެރެއިން 132 ރަށަކަށް އިންތިހާބުކުރާނީ ކައުންސިލް ރައީސާއި އަންހެން މެމްބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. އަދި 46 ރަށަކަށް ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ޖުމްލަ ފަސް ކައުންސިލަރުން އިންތިހާބުކުރާނެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރާނީ ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކުރާ އަދަދަށް ކަމަށް އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވެއެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 294،937 މީހުންނަށް ލިބެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.