ENGLISH

18 ޖެނުއަރީ 2026

Advertisement

އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތަކުން އިމިގްރޭޝަނާއި ޕޮލިހުން މޮޅުވެއްޖެ

15 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ޕޮލިހާއި އެމްޓީސީސީ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

އިންޓަ އޮފީސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗުތަކުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ސީދާ ތިން ސެޓުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އިމިގްރޭޝަނުން މި ދެ ސެޓު ކާމިޔާބުކުރީ 26-24 އަދި 30-28 އިންނެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުން އިމިގްރޭޝަން ކުރިހޯދީ 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިމިގްރޭޝަންގެ އާމިނަތު އަފާފް ނިޒާމް އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ޕޮލިސް ކްލަބުން ވަނީ 3-1 ސެޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބަލިކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-23 އިން ޕޮލިހުން ގެންގޮސްފައިވަނިކޮށް، އެމްޓީސީސީން ވަނީ ދެން ކުޅެވުނު ސެޓުގައި ހަމަ އެނަތީޖާއިން 25-23 އިން ކުރިހޯދާފައެވެ.

އެއަށްފަހު، ދެން ކުޅެވުނު ދެ ސެޓު ވެސް ޕޮލިހުން ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމުން މި ސެޓުތައް ގެންދިޔައީ، 25-22 އަދި 25-17 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ޓީމުގެ އާމިނަތު އަރީޝާ އެވެ.

މުޅިއެކު ހަ ޓީމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 14 އިން 23 ގެ ނިޔަލަށެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަކީ؛ މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯްލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މިނިސްޓްރީ އޮފް ހެލްތު އެވެ.

މުބާރާތް ރޭވިފައިވާ ގޮތުން ހަ ޓީމުގެ މެދުގައި ކުރިއަށްދާ މެޗުތަކަށްފަހު، އެންމެ ކުރިހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ސެމީގައި އެއްވަނަ ޓީމާ ތިންވަނަ ޓީމު ބައްދަލުކުރާއިރު، ދެވަނަ ޓީމު ނިކުންނާނީ ހަތަރުވަނަ ޓީމާ ދެކޮޅަށެވެ.

ސެމީ ފައިނަލް މެޗުތަކުން މޮޅުވާ ޓީމުތަކުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 23 ވާ ހުކުރު ދުވަހު އެވެ. ސެމީ މެޗުތަކުން ބަލިވި ޓީމުތަކުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅޭނީ ހުކުރު ދުވަހުގެ ހަވީރު އެވެ.

ކިޔުންތެރިންގެ ހިޔާލު