ENGLISH

14 ޖެނުއަރީ 2026

Advertisement

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ޕާކިސްތާން އަތުން ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމަށް ފަސޭހަ މޮޅެއް

14 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ސާފް

ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި ޕާކިސްތާން އަތުން 7-1 ގެ ނަތީޖާއަކުން ހޯދި ތަފާތު ބޮޑު މޮޅާއެކު ރާއްޖޭން މުބާރާތް ފަށައިފިއެވެ.

މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. 

ބެންކޮކްގެ ނޮންތަބުރީގެ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ރާއްޖޭން ޖެހި ހަތް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ފަސް ލަނޑުޖެހިއެވެ. މި މެޗުގައި ރާއްޖޭން ލީޑު ނެގީ ހަތްވަނަ މިނެޓުގައި އަހުމަދު ހަމީދު (އައްމަޑޭ) ވައްދާލި ލަނޑުންނެވެ.

އޭގެފަހުން، މެޗުގެ ދިހަ ވަނަ މިނެޓުގައި އަލީ ޝިޔާހު ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. އަދި، އޭގެ ދެ މިނެޓުފަހުން، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) ވަނީ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ރާއްޖޭގެ ގޯލްކީޕަރު، ޒައިދާން އަހުމަދު (އަސޫ) ވަނީ ޕާކިސްތާންގެ އެޓޭކެއް ހުއްޓުވުމަށްފަހު، އެ ޓީމުގެ ކުޅުންތެރިން ޕަވާޕްލޭގައި ކުރިއަށްޖެހިގެން ތިބި ވަގުތު ދުރުން ފޮނުވާލި ބޯޅައަކުން ހަތަރުވަނަ ލަނޑު ޖަހައިފައެވެ. އޭގެފަހުން، ޕާކިސްތާންގެ ހަވަނަ ފައުލާއެކު، ލިބުނު ދުރު ޕެނަލްޓީއަކުން އަލީ ޝަމާލް ޢަބްދުﷲ (ޝަންމު) ވަނީ ރާއްޖޭގެ ފަސްވަނަ ލަނޑު ޖަހައިފައެވެ.

ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ސާފް

ދެވަނަ ހާފުގެ ކުރީކޮޅު، ރާއްޖޭން ހަވަނަ ލަނޑުޖެހީ ވެސް ޕާކިސްތާންގެ ކުޅުންތެރިން ޕަވާޕްލޭއެއްގައި ކުރިއަށްޖެހި ތިބި ދަނޑިވަޅުގައި އޭގެ ފައިދާ ނަގައި ފޮނުވާލި ބޯޅައަކުން ގައުމީ ޓީމުގެ ކެޕްޓަން، އިންމި އެވެ.

މެޗުގައި ޕާކިސްތާނުން ޖެހި ހަމައެކަނި ލަނޑު، 26 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިސާރް ހުސައިން އެވެ. އަދި އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި ރާއްޖޭގެ ފަހު ލަނޑުޖަހައިދިނީ ޢަބްދުﷲ ޝާފިޢު (ޝާއްޕެ) އެވެ.

މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރާނެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.

މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ދެން ކުޅޭ މެޗުގައި މި މަހުގެ 16 ވާ ހުކުރު ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު