ENGLISH
13 ޖެނުއަރީ 2026
ދުންފަތް އެތެރެކުރުމުގެ ހުއްދަ 41 ފަރާތަކަށް، ވިޔަފާރިކުރުމުގެ ހުއްދަ 400 ފަރާތަކަށް
13 ޖެނުއަރީ 2026
|
ދުންފަތުގެ އިސްއިތުމާލުކުރުން މަނާ ސަރައްދެއްކަން އަންގައިދޭ އިންޒާރު ހަރުކުރެވިފައި.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުން ލާޒިމްކުރާ ވެންޑަރ ލައިސަންސް 400 އަށްވުރެ ގިނަ ވިޔަފާރިތަކުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުންފަތުގެ އެކި ބާވަތްތައް ވިއްކުމަށް ލައިސަންސް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
އެޗްޕީއޭއިން ބުނީ ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނުން ލާޒިމް ކުރާ ވެންޑަރ ލައިސަންސް މިހާތަނަށް 437 ވިޔަފާރިއަށް ދޫކޮށްފައިވާ ކަމަށެވެ. އަދި ޓޮބޭކޯ އިމްޕޯޓް ލައިންސަންސް 31 ފަރާތަކަށް ދޫކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޓޮބޭކޯ ރީ-އެކްސްޕޯޓް ލައިސަންސް ދެ ފަރާތަކަށް ދޫކޮށްފައިވާ ކަަމަށް ވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރެއިން ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ރަޖިސްޓްރީ ކުރަން ޖެހެއެވެ. މި ބަދަލާއެކު މިދިޔަ މަހާއި ހަމައަށް ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތަކުގެ ގޮތުގައި 312 ބާވަތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ތަންފީޒުކުރަންފެށި އެންމެ މުހިއްމު ކަމަކީ ޖެނެރޭޝަނަލް ބޭންއެވެ. ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް އިޞްލާހު ގެނެސް 2025 ނޮވެމްބަރު އެކަކުން ފެށިގެން ރާއްޖޭގައި ވަނީ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފަށާފައެވެ.
ޖެނެރޭޝަނަލް ބޭންއާއެކު 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވާ އެންމެންނަށް ދުންފަތް މަނާވާނެއެވެ.