ENGLISH
13 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: އިންޑިއާ އަތުން ރާއްޖޭގެ އަންހެން ޓީމު ބަލިވެއްޖެ
13 ޖެނުއަރީ 2026
|
އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ސާފް
ތައިލެންޑްގައި މިއަދު ފެށި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި އިންޑިއާ އަތުން 11-1 އިން ރާއްޖެ ބަލިވެއްޖެއެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމު ކުޅުނު ފުރަތަމަ ފަހަރެވެ.
ނޮންތަބުރީގެ ސްޓޭޑިއަމްގައި މިއަދު މެންދުރު ކުޅުނު މެޗުގައި އިންޑިއާ އިން ލީޑުނެގުމާއެކު، އެ ޓީމުން މެޗުގެ ކޮންޓްރޯލް އަތުލާފައިވާއިރު ފުރަތަމަ ހާފު ނިންމާލީ 5-0 އިން އިންޑިއާ ކުރީގައި އޮވެގެންނެވެ. އިންޑިއާ އަށް މި ލަނޑުތައް ޖަހައިދިނީ ރިތިކާ ސިންގ ދެ ގޯލާއި، ހުޝްބޫ ކާޝީރާމް ސަރޯޖް، މިތިލާ ރަމާނީ އާއި ސޮނާލީ މޮންޑަލް އެވެ.
ދެވަނަ ހާފުގައި އިންޑިއާ އިން އިތުރު ހަ ލަނޑުޖަހައި، 11-0 އިން ލީޑު ފުޅާކުރިއިރު އެ ޓީމުގެ ހުޝްބޫ ކާޝީރާމް ސަރޯޖް އިތުރު ތިން ލަނޑުޖަހައި، ހެޓްރިކް ފުރިހަމަކުރިއެވެ. އަނެއް ލަނޑުތައް ޖަހައިދިނީ ނިޝްކާ ޕަރްކާޝް ދެ ގޯލާއި، ސޮނާލި މޮންޑަލް ގޯލެކެވެ.
އޭގެފަހުން، މެޗު ނިމެންދަނިކޮށް ރާއްޖޭން ވަނީ ލަނޑުޖަހައިފައެވެ. މިއީ ރާއްޖޭގެ މަރިޔަމް ނޫރާ ކޯނަރަކުން ފޮނުވާލި ބޯޅައެއް އިންޑިއާގެ އަޗޮމް ޑެގިއޯ ގައިގަ ޖެހިފައި ވަތް ގޯލެކެވެ. މިއީ ފުޓްސަލްގައި ރާއްޖޭގެ އަންހެން ޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.
މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ދެން ކުޅޭ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ނޭޕާލްއާ ދެކޮޅަށެވެ. މި މަހުގެ 17 ވަނަ ދުވަހު ބައްދަލުކުރާނީ ޕާކިސްތާނާއެވެ.
މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރާނެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.