ENGLISH

13 ޖެނުއަރީ 2026

Advertisement

މިއަހަރު އެމްޑަބުލިއުއެސްސީގެ އަމާޒުހުރީ ހަރަދުކުޑަކުރުމާއި، ނަތީޖާނެރުމަށް

13 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމްގައި އެމްޑީ މަތީން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ؛ އެމްޑަބުލިއުއެސްސީ

އައު އަހަރަށް އެމް.ޑަބްލިޔު.އެސް.ސީން އަމާޒު ހިފާފައިވަނީ ކުންފުނީގެ ހަރަދު ކުޑަކުރުމަށާއި، ރައްޔިތުންނަށް ނަތީޖާ ނެރެދިނުމަށްކަމަށް އެކުންފުނިން ބުނެފިއެވެ.

ކުންފުނީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް އަމާޒުކޮށް މި އަހަރުގެ މަސައްކަތްތައް ފަށައިގަތުމަށް އައު ވިސްނުންތަކާއެކު އެމް.ޑަބްލިޔު.އެސް.ސީ ގެ "ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމް" މިއަދު ވަނީ ބާއްވައިފައެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ބުނީ މި އަހަރަށް ކަނޑައަޅާފައިވާ ސްޓްރެޓީޖިކް މިސްރާބު ބިނާވެފައިވަނީ ޚަރަދުކުޑަކުރުމާއި، ފެނުގެ ޚިދުމަތް ނޫން އެހެން ދާއިރާތަކުން އާމްދަނީ އިތުރުކުރުމާއި، ނަތީޖާ ނެރުމަށް މުވައްޒަފުން އެކުގައި މަސައްކަތްކުރުމުގެ އިތުރުން ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު ހިފެހެއްޓުން ހިމެނޭހެން މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށްކަމަށެވެ. މި ދާއިރާތަކަށް އިސްކަންދިނުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން އާލާކޮށް، އިތުބާރުހުރި ޚިދުމަތްތަކެއް މެދުނުކެނޑި ފޯރުކޮށްދިނުންކަމަށެވެ.

""އެގޮތުން 2026 ގެ ބިޒްނަސް ޕްލޭންގެ ދަށުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ޚިދުމަތްތައް ތަރައްޤީކުރުމާއި، މުވައްޒަފުންގެ ހުނަރު އިތުރުކުރުމާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކަށް އިސްކަން ދެވޭނެއެވެ." " - އެމްޑަބުލިއުއެސްސީ

މި ފޯރަމްގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމު އަދި ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިފޯރަމްގައި، 2026 ވަނަ އަހަރުގެ ބިޒްނަސް ޕްލޭން ތަޢާރަފު ކުރެވި ބިޒްނަސް ޕްލޭން ތަންފީޒު ކުރުމާއި ނަތީޖާ ހާސިލްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައިވަނީ މަޝްވަރާ ކޮށްފައެވެ.

މި ފޯރަމްގެތެރޭގައި 2025 ވަނަ އަހަރު ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްކުރެވިފައިވާ މިންވަރާގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މި އަހަރުގެ ބިޒްނަސް ޕްލޭނުގައި ހާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ނަތީޖާ ނެރުމަށް ކުރަންޖެހޭ ކަންކަމާމެދު ވަނީ މަޝްވަރާ ކޮށްފައެވެ. 

ސްޓްރެޓީޖިކް ހޮރައިޒަން ފޯރަމްގެ ސަބަބުން، ކުންފުނީގެ ރޭވުންތަކާއި މަސައްކަތުގެ ފެންވަރު ބެލެހެއްޓުމުގައި ގެންގުޅޭ ދުރާލާ ރޭވުމުގެ ސިޔާސަތު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެމްޑަބުލިއުއެސްސީން ބުނެއެވެ. މިއާއެކު ކުންފުނީގެ  އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އުފެއްދުންތެރިކަން އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީކޮށް ކުރި އަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢު އަށް ފޯރުކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު