ENGLISH
13 ޖެނުއަރީ 2026
ނަޢީމްގެ ހަނދާންތައް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ދެމިހުންނާނެ: ރައީސް
13 ޖެނުއަރީ 2026
|
އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިން. ފޮޓޯ: އެމްއޭސީއެލް
އަލްމަރްޙޫމް މުޙައްމަދު ނަޢީމް ޙުސައިންގެ އަގުހުރި ޚިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރ މުޙައްމަދު ނަޢީމް ޙުސައިން އަވަހާރަވުމާއި ގުޅިގެން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުމުރުން 74 އަހަރުގައި ނައީމް އަވަހާރަވީ ޖަނަވަރީ 11 ވަނަ ދުވަހު މާލޭގައެވެ. ނައީމްގެ ޖަނާޒާ އިއްޔެ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މީގެ ބައި ގަރުނަށްވުރެ ކުރީން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަޤްވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ޤައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ޚިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ދިވެހީންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރީންނަށާއި މުވަައްޒަފުންނަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި، މަރްޙޫމް ނަޢީމްއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވައިފައެވެ.
ނައީމް އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެއޭސީއެލް) އިން ކުރި ޕޯސްޓުގައި ބުނީ، ނައީމް އަވަހާރަވުމަކީ އޭވިއޭޝަން ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. ނައީމް ވަކިވެދިއުމަކީ ރާއްޖޭގެ މުޅި އޭވިއޭޝަން ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ހުސްކަމެއް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ. އަދި، ނައީމް އޭވިއޭޝަން ދާއިރާއަށް ކޮށްދިން ހިދުމަތް އިހްތިރާމާއި ޝުކުރުވެރިކަމާއެކު ބަލައިގަނެ އެ ހަނދާންތައް އާކުރާނޭކަން އެމްއޭސީއެލްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ނައީމް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނުކޮށް ހިދުމަތަށް ނުކުންނެވި ބޭފުޅުންގެ ތެރެއިން އެކަކެވެ.
ނައީމް ވަނީ ސްރީ ލަންކާއިން އޭޓީސީގެ ޓްރެއިނިން ފުރިހަމަކުރުމުގެ އިތުރުން ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުންގެ އޭޓީސީގެ ޓްރެއިނިން ފުރިހަމަކުރައްވާފައެވެ. އަދި، އޮސްޓްރޭލިއާގައި އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު ޓްރެއިނިން ވެސް ނައީމް ހެއްދެވިއެވެ.
އެއާޕޯޓުގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރުގެ ވަޒީފާއަށް ނައީމް ނުކުމެވަޑައިގަތީ 1973 ވަނަ އަހަރުގެ އެޕްރީލް 7 ވަނަ ދުވަހުއެވެ.
ހުޅުލޭ އެއާޕޯޓުގައި 1967 ވަނަ އަހަރު މަސައްކަތް ކުރައްވަން ފެއްޓެވި ނަޢީމް ވަނީ ވީއައިއޭ އައު ޓާމިނަލްގެ މަސައްކަތް ނިމުމުން އެތަން ބައްލަވާލައްވަން ދާދި ފަހުން ޒިޔާރަތް ކުރައްވާފަ އެވެ.