ENGLISH

17 ޖެނުއަރީ 2026

Advertisement

ޑިސެމްބަރު މަހު 1.8 މިލިއަން ރުފިޔާގެ އަގުހުރި ސައިކަލު އަނބުރާ ހޯދައިފި

13 ޖެނުއަރީ 2026

|

ޢަލީ ޝަހީމް

ފުލުހުން މާލޭގެ މަގުތައް ބެލެހެއްޓުން. ފޮޓޯ: ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތަށް ގެއްލިގެން ރިޕޯޓްކޮށްފައިވާ ސައިކަލުތަކުގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހު 1.8 މިލިއަން ރުފިޔާގެ އަގުހުރި ސައިކަލު އަނބުރާ ހޯދާފައިވާކަން އެ އިދާރާއިން އާއްމުކޮށްފައިވާ އަދަދުތަކުން ދައްކައިފިއެވެ. 

ފުލުހުން އިއްޔެ ވަނީ މާލެ ފްރޮންޓްލައިން ޕޮލިސިންގެ މަސައްކަތްތަކުގެ މިދިޔަ މަހުގެ މަޢުލޫމާތު ހާމަކޮށްފައެވެ. އެގޮތުން، އަނބުރާ ހޯދާފައިވާ މުދަލުގެ ތަފާސްހިސާބަށް ބަލާއިރު، 1.8 މިލިއަން ރުފިޔާ އަރަނީ އަނބުރާ ހޯދި 38 ސައިކަލަށެވެ. އެގޮތުން އެސައިކަލުތަކުގެ ޖުމްލަ އަދަދަކީ 1،840،000ރ. އެވެ. 

ކޮންމެ މަހަކު ވެސް ފުލުހުން އާއްމުކުރާ ތަފާސްހިސާބުގައި ގެއްލިގެން ހޯދާ ސައިކަލުތައް ހިމެނެއެވެ. މީގެކުރިން ވަނީ މަހެއްތެރޭ މި އަދަދު ތިން މިލިއަން ވެސް ފަހަނައަޅައިފައެވެ. 

ފުލުހުން އާއްމުކުރި އިތުރު މަޢުލޫމާތުތަކަށް ބަލާއިރު، ޑިސެމްބަރު މަހު ވަނީ ގެއްލިގެން ރިޕޯޓްކުރި 18 ފޯނު އަނބުރާ ހޯދައިފައެވެ. އެއީ 154،228ރ. އަގުހުރި ފޯނެވެ. ގެއްލިގެން ރިޕޯޓްކޮށްފައިވާ އާލަތްތަކުގެ ތެރެއިން އަނބުރާ ހޯދި ހަތަރު އާލާތަކަށް 19،730ރ. އަރާފައިވާކަން ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ. 

ފައިސާގެ 40 މައްސަލައެއްގައި މިދިޔަ މަހު 416،320.80ރ. ހޯދާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި، އެހެނިހެން ތަކެތީގެ ގޮތުގައި ރިޕޯޓްކޮށްފައިވާ 50 މައްސަލައެއްގައި 243،467.22ރ. ވަނީ އަނބުރާ ހޯދައިފައެވެ. 

މާލެ ފްރަންޓްލައިން ޕޮލިހަށް ޑިސެމްބަރު މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 153ސީންއަކަށް ފުލުހުން ވަނީ ހާޒިރުވެފައެވެ. އޭގެތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 113 މައްސަލަ ހުށަހެޅުނުއިރު މާރާމާރީގެ 20 މައްސަލަ ހުށަހެޅުނެވެ. ދެން ހިމެނެނީ އެކްސިޑެންޓުގެ 13 މައްސަލައާއި ފޭރުމުގެ 7 މައްސަލައެވެ. 

މާލް ފްރަންޓްލައިން ޕޮލިހުން ގެންދަނީ މަގުތައް އަމާންކުރުމަށްޓަކައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު 5701 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. ފުލުހުން ބުނީ އޭގެތެރެއިން 5023 މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. 

އެކި ސަރަޙައްދުތައް ބަލާ ޗެކްކުރުމުގެ މަސައްކަތް ވެސް މިދިޔަ މަހު ވަނީ ކޮށްފައެވެ. އެގޮތުން 21،521 ތަނެއް މިދިޔަ މަހު ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަމަށް 1048 ގަޑިއިރާއި 43 މިނިޓް ފުލުހުން ހޭދަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު