ENGLISH
13 ޖެނުއަރީ 2026
ފެބްރުއަރީ ފަސްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
13 ޖެނުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ --
އަންނަ ފެބުރުއަރީ 5 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި އެވެ.
މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.
މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84ވަނަ މާއްދާގައިވާ ގޮތުގެމަތިން، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެގޮތުގައި މީގެ ކުރިންވެސް ހަމަޖައްސަވާފައިވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަވަން ވަނީ ނިންމަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ އެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފަހެެއް ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ނިންމަވާފައިވާ ކަމަށެވެ.
ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ އެވެ.
ޤާނޫނު އަސާސީގައިވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ޖެހެ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވާ ތިންވަނަ ރިޔާސީ ބަޔާނެވެ.
އެމަނިކުފާނު ފުރަތަމަ ރިޔާސީ ބަޔާން އިއްްވެވީ 2024 ވަނަ އަހަރަށް މަޖިލީސް ހުޅުވުމުގެ ޖަލްސާގަ އެވެ. ދެވަނަ ރިޔާސީ ބަޔާން 2025 ވަނަ އަހަރަށް މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވަނީ އިއްވަވާފަ އެވެ. މި ދެ ރިޔާސީ ބަޔާނުގައި ރައްޔިތުންނަށް އަދި ޤައުމަށްޓަކައި އެމަނިކުފާނު ތަންފީޒު ކުރައްވަން ނިންމަވާފައިވާ މުހިންމު އެތައް ކަމެއް އިއުލާނު ކުރެއްވި އެވެ.