ENGLISH
13 ޖެނުއަރީ 2026
އެސްޓީއޯގެ 196 ބޭސް ފިހާރަ، ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރަނީ
13 ޖެނުއަރީ 2026
|
ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރައެއް. އެސްޓީއޯގެ ހުރިހާ ބޭސް ފިހާރަތަކެއް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރާނެ. ފޮޓޯ: ޕީއެސްއެމް
ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސަރުކާރުން އުފެއްދި ކުންފުނި، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ދަށަށް އެސްޓީއޯގެ ހުރިހާ ބޭސް ފިހާރަތަކެއް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ސަރުކާރުން އުފެއްދި ބޭސް ކުންފުނީގެ ދަށަށް އެ ކުންފުނީގެ ހުރިހާ ބޭސްފިހާރަތަކެއް ބަދަލުކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ ކަމަށެވެ. މިހާރު އަންނަނީ އެ މަސައްކަތް ފެށުމުގެ ތައްޔާރީތަކުގެ މަރުޙަލާތައް ފުރިހަމަކުރަމުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ރާއްޖޭގައި އެސްޓީއޯގެ 196 ފާމަސީއިން ޚިދުމަތްދޭއިރު، އެ ފާމަސީތަކުގައި 600 އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރެއެވެ. ފާމަސީތައް ބަދަލުކުރާނީ މުވައްޒަފުންނާ ވެސް އެކު އެވެ.
އެސްޓީއޯގެ އަމާޒަކީ އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ހަފްތާގެ ކުރިން ހުރިހާ ބޭސް ފާމަސީތަކެއް އަލަށް އުފެއްދި ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރުމެވެ.
އެސްޓީއޯގެ ބޭސް ފިހާރަތައް ބޭސް ކުންފުނީގެ ދަށަށް ބަދަލުކުރާއިރު، އެންސްޕާ މެދުވެރިކޮށް ގެންނަ އެބްރޯޑް ޕްރެސްކްރިޕްޝަންތަކާއި ޔޫއެންޑީޕީ ބަލްކް ޕްރޮކިއުމެންޓް ބޭސްތައް ގެނައުމުގެ މަސައްކަތްތައް ވެސް އެ ކުންފުންޏާ ހަވާލުކުރުމަށް ވަނީ ނިންމައިފައެވެ.
ބޭހުގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ އެކަމަށް ޚާއްޞަ ކުންފުންޏެއް އުފައްދައި ޒިންމާތައް ހަރުދަނާކުރުމެވެ. ބޭސް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރާއިރު، ސަރުކާރުން އަންނަނީ ބޭހުގެ ސަޕްލައި ވެސް އިތުރުކުރަމުންނެވެ. އެގޮތުން މިހާރު އެސްޓީއޯ މެދުވެރިކޮށް އެތެރެކުރާ ބޭހުގެ އަދަދު 900 އާ ހަމައަށް ވަނީ އަރައިފައެވެ.