ENGLISH
17 މާރިޗު 2026
ގުރައިދޫ ދާއިރާގެ އެންމެ ގޮނޑިއެއްވެސް އިދިކޮޅަށް ނުލިބޭނެ: މެމްބަރު ހަނާން
12 ޖެނުއަރީ 2026
|
ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު ހަނާން މުޙައްމަދު ރަޝީދު. ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ކައުންސިލް އިންތިޚާބުގައި، ތ. ގުރައިދޫ ދާއިރާގެ އެންެމެ ގޮނޑިއެއްވެސް އިދިކޮޅަށް ނުލިބޭނެ ކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، ހަނާން މުޙައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" އަށް ދެއްވި އިންޓަވިއުއެއްގައި މެންބަރު ހަނާން ވިދާޅުވީ، ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެދާއިރާގައި ތަރައްޤީގެ މަޝްރޫއުތައް ފައްޓަވައިދެއްވާފައި ވަނީ ކެމްޕޭނަކާ ގުޅުވައިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް ރަށްރަށުގެ ކުޑަ ބޮޑު މިނަށް ނުބަލައި، އެދާއިރާގެ ތިން ރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަވާކަން ފާހަގަކުރެއްވި އެވެ. އެގޮތުން ގުރައިދޫގެ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކާ ނިންމައި، ލޭންޑް ޕްރޮޓެކްޝަންގެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އެދާއިރާގެ ގާދިއްފުށީގެ ބަނދަރުގެ މަސައްކަތާއި، ދިޔަމިގިލީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.
އެދާއިރާގެ ރައްޔިތުން ބޭނުންވަނީ ތަރައްޤީ ގެނެސްދެއްވާ ރައީސެއް ކަމަށާއި، ރައީސް ޑރ. މުޢިއްޒުއަކީ އެފަދަ ވެރިއެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ތަރައްޤީގެ މަޝަރޫއުތައް އެދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ، މިފަހަރު ކައުންސިލް އިންތިޚާބުގައި ތަފާތު ބޮޑު ނަތީޖާއަކުން އެދާއިރާގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބުކުރުން ކަަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މި އިންތިޚާބުގައި އިދިކޮޅަށް ނުވަތަ އެހެންފަރާތަކަށް ވެސް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުވާނެ ކަމަށެވެ.
"ތ. ގުރައިދޫއަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ރައީސުލްޖުމާހޫރިއްޔާއަށް މުޅި ރާއްޖެއިން އެންމެ ބޮޑު ތާއީދެއް ދެއްވި ރަށް. ހަމަޔަގީނުން ވެސް ގުރައިދޫން އެންމެ ގޮނޑިއެއްވެސް، އަޅުގަނޑު ބުނާނީ އިދިކޮޅަށްކަށް ނުދާނޭ. ނުވަތަ އެހެންފަރާތަކަށް ނުދާނޭ. ސަރުކާރަށް އެންމެ ފުރިހަމައަށް އެއްބާރުލުންދޭ އެއް ރަށަކަށް ހަމަޔަގީނުންވެސް ގުރައިދޫ ވެގެންދާނެ."
މެމްބަރު އިތުރަށް ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ގުރައިދޫއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް، ގުރައިދޫއަށް އިތުރު ހަތް ހެކްޓަރުގެ ބިން ހިއްކަވައި ދެއްވާނެ ކަމަށެވެ. މި މަޝްރޫއާ އެއްކޮށް، އިތުރު 100 ހައުސިންގ ޔުނިޓްގެ މަޝްރޫއެއް ވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި މި މަޝްރޫއުގެ ސަބަބުން ގުރައިދޫގެ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ އެވެ.
ކުރީ ސަރުކާރުތަކުގައި ދައްކަމުން ދިޔައީ ކުލަ ނުޖެހޭ ހުވަފެންތަކެއް ކަމަށާއި، އެހެންނަމަވެސް މިހާރު ތަރައްޤީގެ މަޝްރޫއުތައް ހަގީގަތަކަށްވެ ކުލަ ޖެހެމުންދާ މަންޒަރު ފެންނަމުންދާކަމަށް މެމްބަރު ވިދާޅުވި އެވެ. އެގޮތުން އެދާއިރާގެ ރަށްތައް އާރުޓީއެލް ފެރީގެ ހިދުމަތުން ގުޅާލެވި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާކަން ފާހަގަކުރެއްވި އެވެ.