ENGLISH

07 މޭ 2026

Advertisement

ރާއްޖޭގެ ފުޓްސަލް އެހެން ހަރުފަތަކަށް ގެންދިއުމަށް އެފްއޭއެމާއި ކްލަބް މޯލްޑިވްސް ދެމެދު މުހިއްމު އެއްބަސްވުމެއް

07 މޭ 2026

|

މުޙައްމަދު އަދުހަމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން. ފޮޓޯ: ކްލަބް މޯލްޑިވްސް

ދިވެހިރާއްޖޭގެ ފުޓްސަލް ކުރިއަރުވައި، އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ކްލަބް މޯލްޑިވްސް ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ގަލޮޅު ދަނޑުގައި ބޭއްވި ޚާއްޞަ ޕްރެސް ކޮންފަރެންސެއްގައި އެފްއޭއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެފްއޭއެމްގެ ރައީސް އަހުމަދު ޠާރިޤު އެވެ. ކްލަބް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މޫސާ ރަމީޒު އެވެ.

މި އެއްބަސްވުމުގެ ދަށުން، ކްލަބް މޯލްޑިވްސް އިން ބާއްވާ "ކްލަބް މޯލްޑިވްސް ކަޕް" އަދި "އެއިޓީން ތާޓީ" ފުޓްސަލް މުބާރާތަކީ އެފްއޭއެމުން އެންޑޯސްކޮށްގެން ކުރިއަށްގެންދާ މުބާރާތްތަކަކަށް ވެގެންދާނެއެވެ.

މީގެއިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް ލެވެލްގައި ބޭއްވުމަށް ނިންމާފައިވާ ފުޓްސަލް މުބާރާތްތަކަށް އެފްއޭއެމުން ބޭނުންވާ ފަންނީ އެހީތެރިކަން ކްލަބް މޯލްޑިވްސްގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މިއަދު ބޭއްވި ޚާއްޞަ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ޠާރިޤު ވިދާޅުވީ، ކްލަބް މޯލްޑިވްސްގެ މިއަހަރުގެ މުބާރާތަކީ އެފްއޭއެމްއާ ގުޅިގެން ބާއްވާ ރަސްމީ މުބާރާތަކަށްވުމާއެކު އެއީ ރާއްޖޭގެ ހުރިހާ ފުޓްސަލް ކުޅުންތެރިންނަށް ލިބޭނެ އުފާވެރި ޚަބަރަކަށް ވާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެފްއޭއެމުން އިޢުލާންކުރާ ފުޓްސަލް ޗެމްޕިއަންޝިޕްގެ އަތޮޅު ލެވެލްގަ އާއި ޒޯން އަދި ރީޖަނަލް ލެވެލްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޓީމުތަކުގެ މެދުގައި ފުޓްސަލް ލީގެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޠާރިޤު ވިދާޅުވިއެވެ. މި މުބާރާތް ބާއްވާނީ ކްލަބް މޯލްޑިވްސްގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށް ޠާރިޤު ވިދާޅުވިއެވެ.

ކްލަބް މޯލްޑިވްސްގެ ޗެއާމަން ރަމީޒް ވިދާޅުވީ، ކްލަބް މޯލްޑިވްސް އިން މިހާތަނަށް ކުރަމުންއައި މަސައްކަތަކީ ރާއްޖޭގެ ފުޓްސަލް ކުރިއަރުވަން އެހީތެރިވުމުގެ މަސައްކަތް ކަމަށާއި، އެގޮތުގައި ދެމިތިބޭނެ ކަމަށެވެ. އެކަން ހާސިލްކުރުމުގައި އެފްއޭއެމްގެ ގައިޑްލައިންތަކާ އެއްގޮތަށް މުބާރާތްތައް ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތްތައް ބައްޓަންކޮށްގެން ކުރިއަށްގެންދަވާނެ ކަމަށް ވެސް ރަމީޒް ވިދާޅުވިއެވެ.

މިހާތަނަށް ކްލަބް މޯލްޑިވްސް އިން ބާއްވަމުން އަންނަ ފުޓްސަލް މުބާރާތްތައް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އިން ދެއްވަމުންއައި އެއްބާރުލުމަށާއި، ކްލަބް މޯލްޑިވްސްގެ ހީވާގީ ޓީމަށާއި، ސްޕޮންސަރުންނާއި، ރެފްރީން އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށްޓަކައި ރަމީޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެފްއޭއެމްއާއެކު ކްލަބް މޯލްޑިވްސް އިން ޤާއިމުކުރި މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ފުޓްސަލްގެ ކުރިމަގަށާއި އެ ކުޅިވަރު އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު