ENGLISH
12 ޖެނުއަރީ 2026
މި ސަރުކާރުން ރާއްޖެ ތަރައްގީކުރާނީ ދެމެހެއްޓެނިވި ގޮތަކަށް، އެމަންޒަރު ދަނީ ފެންނަމުން: މެންބަރު އިބްރާހީމް
12 ޖެނުއަރީ 2026
|
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖެއަށް ތަރައްޤީ ގެންނާނީ ދެމެހެއްޓެނިވި ގޮތަކަށް ކަމަށާއި، މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުން އެމަންޒަރު ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.
"އެމްއެމް" ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރު ޤައުމު އޮތް ޙާލަތު ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ. ލޯނުތަކާއި ދަރަނިތަކާ އެކު މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ހުރި ގޮންޖެހުންތަކުގެ ވާހަކަ ހުސްނުވާހާ ގިނަ ކަމަށް މެންބަރު ވިދާޅުވިއެވެ.
ގާތްގަނޑަކަށް "ބަނގުރޫޓޫ" ކޮށްލާފައި އޮތް ޤައުމަކަށް އެދެވޭ ބަދަލުތަކެއް އައިސް އުއްމީދު ލިބިފައިވާކަމަށް އިބްރާހީމް ޙުސައިން ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ކަންކަން ކުރަނީ ދެކޮޅުޖެހޭނެ ނިޒާމެއްގެ ތެރެއިންކަން މެންބަރު ފާހަގަކުރެއްވިއެވެ.
"މިއަދުގެ ސަރުކާރުން އަޅުގަނޑަށް ފެންނަ ގޮތުގައި ކުރާ މަސައްކަތަކީ ހަގީގަތުގައި ވެސް ދިވެހިރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ދިވެހިރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންގެ މުޖުތަމަޢު ރަނގަޅު ކުރެވެން އެ އޮތް އެންމެ ރަނގަޅަކަށް އެކަން ކުރުމުގެ ހެޔޮ ވިސްނުމާ ހެޔޮ ފިކުރާ، އެކަންކަން ކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް މިއަދު މި ފެނިގެންދިޔައީ" މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.
މިދިޔަ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ފައިސާ ނުދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުވުމާއި، ހުރިހާ ދާއިރާއަކުން ވެސް އިހުމާލު ފެންނަމުންދިޔަކަން މެންބަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިއަދު އެކަންކަން ބަދަލުވެ، ޤަވާއިދުން ލޯނުތައް ދެއްކުމާއި، ރާއްޖޭގެ ރޭޓިން ރަނގަޅުވާ ޙާލަތަށް ދިއުމާއި، ފައިނޭންޝަލް ސިސްޓަމް އޮތީ ރަނގަޅަށް ކަމަށް މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ. އަދި، ރާއްޖެ މިހާރު އޮތީ "ބޭންކްރަޕްޓް" ނުވާ ޙާލަތުގައިކަން މުޅި ދުނިޔެއަށް އެނގޭނެކަން މެންބަރު ފާހަގަކުރެއްވިއެވެ.
މެންބަރު ވިދާޅުވިގޮތުގައި، މިއަދު ރަނގަޅު ޙާލަތަށް ޤައުމު ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިސްނުންތެރިކަމާއެކު އެކަންކަން ކުރެއްވުމުންނެވެ.
މެންބަރު އިބްރާހީމް ޙުސައިން އިތުރަށް ވިދާޅުވީ، ވެރިކަމަށް ދެއަހަރު ވެގެންދިޔައިރު، މީގެކުރިން އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދިއުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުން މެންބަރު ފާހަގަކުރެއްވިއެވެ.
އިބްރާހީމް ޙުސައިން ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގިނަ ކަންކަން މިހާރު ހުރީ ފެށިފައި ކަމަށެވެ. އަދި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ތަކެތި މިހާރު ދަނީ ފޯރުކޮށްދެމުން ކަމަށް މެންބަރު ވިދާޅުވިއެވެ.
ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާއެކު، ނަތީޖާއަކަށްވާނީ 2026 ވަނަ އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހުރި ވައުދުތައް ފުއްދިގެންދާ އަހަރެއް ކަމަށް ވެސް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވިއެވެ.