ENGLISH
15 ޖެނުއަރީ 2026
ރަމަޟާން މަހު އެޗްޑީސީއިން ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ މާރުކޭޓެއްގެ ޚިދުމަތް ފަށަނީ
12 ޖެނުއަރީ 2026
|
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ މާރުކޭޓުން މީހަކު ވިޔަފާރިކުރަނީ. ފޮޓޯ: ވަގުތު
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ފޭސް ދޭއްގައި ވަގުތީ ބާޒާރެއް ގާއިމުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީއިން ބުނީ މި ވަގުތީ ބާޒާރު އަޅަނީ ފޭސް ދޭއްގެ ހުސް ބިމެއްގައި، ވިނަރެސް ޓަވަރު 8 އާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ސަރަހައްދުގައި ކަމަށެވެ. މި މަސައްކަތުގެ މަގްސަދަކީ ރަމަޟާން މަހު ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް މޭވާއާއި ތަރުކާރީ ފަސޭހައިން ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
މި ބާޒާރުގައި 24 ގޮޅީގެ ޚިދުމަތް ދޭން އެޗްޑީސީއިން ވަނީ ނިންމައިފައެވެ. ބާޒާރުގެ އޮނިގަނޑު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ގޮޅިތައް ހަދައި ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ވަނީ ލަފާކޮށްފައެވެ.
އެޗްޑީސީއިން ބުނީ ގޮޅިތައް ދޫކުރާނީ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ކަމަށާއި، މަސައްކަތް އެއްކޮށް ނިމުމުން ގޮޅިތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށެވެ. މި މާރުކޭޓުގެ ގޮޅިތައް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ އެޗްޑީސީންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ ބާޒާރެއް ގާއިމުކުރުމުގެ މަސައްކަތް އެޗްޑީސީއިން ކުރަމުން އަންނައިރު، މިހާރު ވެސް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަންނަނީ މާރުކޭޓެއް ހިންގަމުންނެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވެފައިވާއިރު، ގިނަ ޚިދުމަތްތަކެއް ދެވަނަ ފިޔަވަހީގައި ސަރުކާރުން އަންނަނީ ޤާއިމުކުރަމުންނެވެ. އެގޮތުން، ރަމަޟާން މަހާ ދިމާކޮށް އެޗްޑީސީއިން ވަގުތީ ބާޒާރެއް ގާއިމުކުރާއިރު، އެސްޓީއޯ އިން އަންނަނީ އެ ކުންފުނީގެ ފިހާރައެއްގެ ޚިދުމަތް ރަމަޟާން މަހުގެ ކުރިން ފެށުމުގެ މަސައްކަތް ކުރަމުންނެވެ.