ENGLISH

12 ޖެނުއަރީ 2026

Advertisement

ނައިފަރުގެ ބިން ހިއްކުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ފޮނުވައިފި

12 ޖެނުއަރީ 2026

|

އާމިނަތު ނުޒްލާ

ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ: އެމްޓީސީސީ

ފާދިއްޕޮޅު ނައިފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ފޮނުވާފައިވާ ކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެެވެ.

ނައިފަރު ބިން ހިއްކުމުގެ މުޅި މަޝްރޫއުގެ 32 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި، ބަންޑު ވޯލް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ނައިފަރުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މިދިޔަ އަހަރު އޮކްޓޫބަރ މަހު 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.

ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:

  • 44.8 ހެކްޓަރުގެ ބިން ހިއްކުން
  • 1813 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުން
  • 803 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިން ބޭރު ތޮށިލުން
  • 474 މީޓަރު ސަރަޙައްދެއްގައި ބޮޑު ހިލައިގެ ގްރޮއިން ޖެހުން

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެއް އަހަރާއި ނުވަ މަސް ދުވަހުން ނިންމާގޮތަށް 679 މިލިއަން ރުފިޔާއަށެވެ.

ނައިފަރު ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން: ފޮޓޯ: އެމްޓީސީސީ

ގާތްގަނޑަކަށް 6،000 މީހުންގެ އާބާދީއެއް ދިރިއުޅޭ ނައިފަރު މީހުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. މި މަޝްރޫޢު ނިމުމުން، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބޭނެއެވެ. 

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި އެކި ސަރަހައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު