ENGLISH
15 ޖެނުއަރީ 2026
ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް ގަލޮޅު ސިޓީ ޕާކް އަންގާރަ ދުވަހު ހުޅުވަނީ
11 ޖެނުއަރީ 2026
|
ގަލޮޅު ސިޓީ ޕާކް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރި އެއްކަމަކީ ވީރާނާވެފައިވާ ގަލޮޅު ސިޓީ ޕާކް އަލުން ތަރައްގީކޮށް ހުޅުވައިދިނުމެވެ.
އެ ރައްޔިތުންގެ ކަންބޮޑުވުން އައްސަވައި ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމިއިރު، ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރިއެވެ. ނަމަވެސް އެންމެ ފުރިހަމައަށް އެކަން އޮތީ ނުކުރެވިއެވެ.
ރަނގަޅަށް ބޭނުން ނުކުރެވި އޮތް ސިޓީ ޕާކުގައި އާ ޕާކެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައި ރައްޔިތުންގެ ޚިޔާލު މިކަމަށް ހޯދުމަށް މޭޔަރުކަމުގައި އޭރު ހުންނެވި މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމަށް ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާއެކު ދެ ބައްދަލުވުމެއް ބޭއްވެވިއެވެ.
މި ބައްދަލުވުންތަކުން ރައްޔިތުންގެ މަޝްވަރާ ހޯއްދަވައި ސިޓީ ޕާކުގެ ކުރެހުން އެކުލަވާލީ ގަލޮޅު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.
މި ޖަލްސާތަކުގައި އެ ޕާކު ތަރައްގީގުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތުގެ ތަފްސީލާއި ޑިޒައިންގެ ތުރީޑީ މަންޒަރުތައް ވެސް ދައްކާލި އެވެ.
ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި މާލޭގެ އޭރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
މިގޮތަށް ބޭއްވި ބައްދަލުވުންތަކުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ޕާކުގެ މަސައްކަތް ކުރާނީ މިހާރު އެތަނުގައި ހުރި ބޮޑު އެއްވެސް ގަހެއް ނުނަގާ ކަމަށެވެ. އަދި އެ ޕާކު ހަދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
ސިޓީ ޕާކު އަލުން ތަރައްގީކުރަން އެތަން ބަންދުކުރީ 2022 ވަނަ އަހަރު އެވެ. އެ ޕާކު ތަރައްގީކުރަން ކައުންސިލުން ޕްލޭން ކޮށްފައި އޮތަސް އޭރު އެތަނުގައި އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭގެފަހުން މިދިޔަ އޭޕްރީލް މަހު އެ ޕާކުގެ މަސައްކަތް ކުރުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއެވެ.
ގަލޮޅު ސިޓީ ޕާކް
ގަލޮޅު ރައްޔިތުންގެ އެދިވަޑައިގަތުމާ އެއްގޮތަށް އަންނަ އަންގާރަ ދުވަހު ގަލޮޅު ސިޓީ ޕާކް ހުޅުވާނީ ބެޑްމިންޓަން ކޯޓަކާއި، ތުރީ އޮން3 ތުރީ ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއްގެ އިތުރުން، ޖޮގިން ކުރާނެ ސަރަހައްދަކާއި، ކުޑަކުދިން ކުޅޭނެ ސަރަހައްދެއްގެ އިތުރުން އައުޑްޑޯ ޖިމަކާ އެކުގައެވެ.
މިއީ ސިޓީ ކައުންސިލުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކޮށްފައިވާ ޕާކެކެވެ.
ރައްޔިތުންގެ ޒަމާންވީ މައްސަލަތަކަށް ނިމުން ގެނަސްދެއްވުމަށް ރައީސް މުޢިއްޒު ދެއްވާ ޚާއްސަ އިސްކަން މިކަމުންވެސް ފެނިގެންދެއެވެ. އަދުގެ ރައީސް ކޮންމެކަމެއް ވެސް ކުރައްވަނީ ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑު އައްސަވައިގެންނެވެ. އެބީދައިން ގަލޮޅު ރައްޔިތުން ވޭތުވެދިޔަ ސަރުކާރުތަކުގައި ތަކުރާރުކޮށް އެދުމުން ވެސް ހައްލު އައިސްފައިނުވާ މައްސަލަ ހައްލުކޮށްދެއްވައި އަންގާރަ ދުވަހު ހުޅުވިގެން ދަނީ އެމަނިކުފާނުގެ އިސްނެންގެވުމަށް ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.