ENGLISH
12 ޖެނުއަރީ 2026
ހއ. ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިމުގެ 21 ހެކްޓަރު ހިއްކައިފި
11 ޖެނުއަރީ 2026
|
ހއ.ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އެމްއޭސީއެލް
ހއ. ދިއްދޫގައި އެއާޕޯޓު އެޅުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެ ރަށުގެ ބިމުން ހިއްކުމަށް ހަމަޖެހިފައިވާ 115 ހެކްޓަރުގެ ތެރޭން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އެމްއޭސީއެލް އިން ބުނީ، ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ބޭނުންކޮށްގެން ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ކުރަމުންދާ އިރު މިހާތަނަށް ވަނީ މުޅި މަޝްރޫއުގެ 18.75 އިންސައްތަ ބިން ހިއްކާފައި ކަމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް ބޭނުން ކުރަމުން އަންނަނީ "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރުކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
ހއ.ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްއޭސީއެލް
ދިއްދޫގައި ބިންހިއްކައި އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.
ދިއްދޫގައި ހިއްކާ ބިމަކީ އެއާޕޯޓާއި ބޯހިޔާވަހިކަމާއި އަދި އެހެނިހެން ޚިދުމަތްތަކަށް ބޭނުން ކުރުމަށް ހިއްކުމަށް ހަމަޖެހިފައިވާ ބިމެކެވެ.
ދިއްދޫގައި ތަރައްޤީކުރެވޭ އެއާޕޯޓަކީ، ދިއްދޫގެ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެންނާނެ ބިޔަ މަޝްރޫއެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އަދި ހަމަމިއާއެކު ފަތުރުވެރިކަން ތަރައްގީކޮށް، ވިޔަފާރިތައް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ އެވެ. ދިއްދޫގައި ހިއްކާ ބިމުގައި އެއާޕޯޓަށް ބޭނުންވާ އިތުރު ހިދުމަތްތަކާއި އާ ވިޔަފާރިތައް ގާއިމުކުރެވިގެންދާއިރު، ދިއްދޫ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ އެވެ.
އެމްއޭސީއެލްގެ އަމާޒަކީ މަހެއްހާ ދުވަހު ތެރޭ ދިއްދޫ ބިންހިއްކުމުގެ މަސައްކަތް ނިންމާލުން ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
ހއ.ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ: އެމްއޭސީއެލް
މި މަޝްރޫޢު ނިމޭއިރު ދިއްދޫގެ ބިމަށް 115 ހެކްޓަރު އިތުރުވާނެ އެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސަރަހައްދެކެވެ.
އެމްއޭސީއެލް އިން ދިއްދޫ ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ ޖެނުއަރީ 5، 2026ގަ އެވެ.