ENGLISH

12 ޖެނުއަރީ 2026

Advertisement

ތުޅާދުއާއި ވިލުފުށީގެ ރޯ ހައުސްތަކަށް ކުރިމަތިލާން ތިން މަސްދުވަހުގެ މުއްދަތެއް ދީފި

11 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

ތުޅާދޫގައި ސަރުކާރުން ގާއިމުކޮށްފައިވާ ހައުސިން ޔުނިޓުތައް

ބ. ތުޅާދުއާއި ތ. ފިލުފުށީގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި، ތިން މަސްދުވަހުގެ މުއްދަތެއް ދީފިއެވެ. 

އެ ދެ ރަށުގައި ސަރުކާރުން އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމުގެ އުސޫލު މިދިޔަ މަހުގެ ތެރޭގައި ވަނީ އާއްމުކޮށްފައެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ، ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން، އެ ދެ ރަށުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ފޯމު ހުށަހެޅޭނީ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ތިން މަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. 

އެ ދެ ރަށުގައި ސަރުކާރުން ގާއިމްކޮށްފައިވާ ހައުސިންގ ޔުނިޓްތައް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގައި ހައުސިންގ ޔުނިޓްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި ޕޮއިންޓުދެވޭނެ ގޮތުގެ ތަފްޞީލު ހިމަނާފައިވެއެވެ. 

އުސޫލުގައިވާ ގޮތުން މި ފްލެޓްތަކަށް، އެ ރަށްރަށުގެ ރަށްވެހިންނަށާއި އަދި ދިގު މުއްދަތަކަށް އެ ރަށްތަކުގައި ދިރިއުމުންދާ މީހުންގެ ތެރެއިން 18 އަހަރުވެފައިވާ ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވޭނެއެވެ. އެގޮތުން ރަށްވެއްސަކަށްވުން ނުވަތަ ހިޖުރަކޮށް މެދުނުކެނޑި ދިރިއުޅެމުންދާތާ 10 އަހަރުވެފައިވާ ފަރާތްތަކަށް ވެސް ފްލެޓަށް އެދި ކުރިމަތިލެވޭނެއެވެ. ޔުނިޓްތަކަށް އެދޭ ފަރާތުގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް އޮވެގެން ނުވާނެއެވެ. 

ޕޮއިންޓް ދިނުމުގައި ބަލާނީ ޢާއިލާގެ ކުޑަބޮޑު މިނާއި ދިރިއުޅުމުގެ ހާލަތަށްކަމަށާއި، އަދި މަސް ދުވަހަށް ޖެހޭ އާމްދަނީ 60،000 އަށްވުރެ އިތުރަށް ނުލިބޭ މީހުންނަށް ކަމަށް އުސޫލުގައިވެއެވެ. 

ހިޖުރަކޮށްގެން ރަށުގައި ދިރިއުޅޭ މީހުން، ދިރިއުޅުމުގެ މުއްދަތު ބަޔާންކޮށް އެކަމާ ގުޅޭ ރަސްމީ ލިޔެކިޔުން ހުށަހަޅަންވާނެއެވެ.

އައު އުސޫލުގައި ދަރިން ނުލިބޭ މީހުންނަށް ޕޮއިންޓު ދޭނެ މިންގަނޑެއްވެސް ވަނީ ކަނޑައަޅާފައެވެ. 

ސަރުކާރުން ތުޅާދޫގައި 100 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ މަސައްކަތް ހަވާލުކުރީ 79.6 މިލިޔަން ރުފިޔާއަށެވެ. އެ ރަށުގައި އިމާރާތް ކުރީ 1،100 އަކަފޫޓުގެ ހަައުސިން ޔުނިޓްތަކެކެވެ. އެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިން ފާހަނާއާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ބައެއް ހުރެއެވެ.

ވިލުފުށިން ދޫކުރާ ރޯހައުސިން ޔުނިޓުތަކަކީ 2011 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެން އޭރު ފެށި މަސައްކަތްތަކެވެ. މަސައްކަތް ނުނިންމުމުގެ ސަބަބުން ފަހުން އެ މަސައްކަތް އެހެން ކޮންޓްރެކްޓަރަކާ ވަނީ ހަވާލުކޮށްފައެވެ.

މި ދެރަށުގައި ވެސް މިހާރު ކުރިއަށްދަނީ ހައުސިން ޔުނިޓުތަކަށް ޔުޓިލިޓީ ހިދުމަތްތައް ގުޅުމުގެ މަސައްކަތްތަކެވެ.  އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ހައުސިން ޔުނިޓުތައް ހަވާލުކުރާނީ ފިނިޝިންގެ މަސައްކަތްތައް ނިންމާފައި ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު