ENGLISH

11 ޖެނުއަރީ 2026

Advertisement

ބޮޑުކަންނެލި މަސްވެރިންނަށް އުފާވެރި ޚަބަރެއް؛ ކަނޑުއޮތްގިރިން ބޮޑުކަންނެލި ގަންނާނީ 25 ރުފިޔާގެ ރޭޓުން

11 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަން ފެށުން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާ

ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ ތައްޔާރީތައް ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް، ރަސްމީކޮށް ބޮޑުކަންނެލި ގަންނަން ފަށާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސީއީއޯ ފަރުޙަތު ޝަހީރު ވިދާޅުވެއްޖެއެވެ.

ސީއީއޯ ޝަހީރު މިހެން ވިދާޅުވީ، ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަން ފެށުމާ ގުޅިގެން، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއެކު ކަނޑުއޮތްގިރީގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުންނެވެ.

"ބޮޑުކަންނެލީގެ މަސްވެރިން ބާނާ މަހުގެ ތެރެއިން 15 ކިލޯއިން ފެށިގެން މަތީގެ ކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން މި ކަނޑުއޮތްގިރިންނާ އަދި މި ސަރަހައްދުން އަޅުގަނޑުމެން ކަންނެލި ގަންނަމުންދާނަން. ހަމަ އޭގެއިތުރުން މަސް ވެސް [އަޅުގަނޑުމެން] ކަނޑުއޮތްގިރިއަށް ގަންނަމުންދާނަން،" ސީއީއޯ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި، ކޯލްޑް ސްޓޯރޭޖާއި އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެކަމަށް ޝަހީރު ވިދާޅުވިއެވެ.

ކަނޑުއޮތްގިރީގައި ބޮޑުކަންނެލި ގަންނަން ފެށުމާ ގުޅިގެން، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި ސީއީއޯ ފަރުޙަތު ޝަހީރު މިއަދު ކަނޑުއޮތްގިރި ފިޝް ވިލެޖަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން. --ފޮޓޯ: މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާ

"އެހެންވީމާ، އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން، ސަރުކާރުން އެ ނިންމެވި ނިންމެވުމާ ގުޅޭގޮތުން، މަސްވެރިންނަށް ޚިދުމަތްދިނުމަށް މި ކަނޑުއޮތްގިރީގެ ފެސިލިޓީ ބޭނުންކޮށްގެން." ސީއީއޯ ވިދާޅުވިއެވެ.

ސީއީއޯ ވިދާޅުވީ، ވަޒީރު ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން މި މުހިއްމު މަސައްކަތްތައް ފެށިގެން މިދިޔައީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިފްކޯގެ ހީވާގި މުވައްޒަފުންގެ ޓީމުން މި މަސައްކަތްތައް ކުރިއަށްގެންދަވާނެ ގޮތް ވަރަށް ފުރިހަމައަށް ރާވާލައި، އެ ކުންފުނީގެ އުޅަނދުތައް ކަނޑުއޮތްގިރީގައި ގާއިމުވެ އޮވެވޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމުން ކަމަށެވެ.

ސީއީއޯގެ ވާހަކަ ނިންމަވާލައްވަމުން ވަނީ، ކުރިއަށްއޮތްތަނުގައި މަސް ޕްރޮސެސް ކުރުމުގެ އިތުރުން އެހެނިހެން ޕްރޮސެސިންގ ސެންޓަރުތަކަށް ގެންގޮސްގެން އަދި ޕްރޮސެސްކޮށްގެން ރައްޔިތުންނާ ހަމައަށާއި، ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު