ENGLISH

11 ޖެނުއަރީ 2026

Advertisement

ގޭންގެއްގެ ގޮތުގައި މާލެ ސިޓީ ހިންގާނެ ކަމަށް ބުނުމަކީ ދަށުދަރަޖައިގެ އަމަލެއް: އަަރީޝް

11 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ކައުންސިލް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުވެއްޖެނަމަ، ގޭންގެއްގެ ގޮތުގައި މާލެ ސިޓީ ހިންގާނެ ފަދަ މޭރުމަކުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަކަމަށް ވިދާޅުވެ އެކަން މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ކުށްވެރިކުރައްވައިފި އެވެ. 

އަރީޝް މިފަދައިން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރު ކަމުގައި އުސޫލާ ޚިލާފަށް ބިންތަކެއްް ދޫކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ކުށްވެރިކުރައްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑެޕިއުޓީ މޭޔަރު ވިދާޅުވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދެ އަހަރާއި ބައިގެ މުއްދަތަކީ ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއް ކަމަށެވެ. 

މިކަންކަން އިދިކޮޅު ފަރާތްތަކަށް ހަޖަމު ނުކުރެވިގެން، ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުން އަންނަކަމަށް އަރީޝް ވިދާޅުވިއެވެ. 

""މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުގައި ދައްކާ، މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް އައުމަށްފަހު ކުރާނެ ކަމަކީ، ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ، "ގޭންގެއްގެ ގޮތުގައި" މާލެ ސިޓީ ހިންގުންކަމަށް ސިފަވާ ގޮތަށް ވާހަކަތައް ދެއްކުމަކީ ދަށުދަރަޖައިގެ އެއްވެސް އަމާޒެއް ނެތް ކެމްޕޭނެއް." " - މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް

ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ޤާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫންކަން ފާހަގަކުރައްވަމުން އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހި ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއްކަމަށް އަރީޝް ވިދާޅުވިއެވެ. 

""މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާއި ދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއްގޮތަށް ހަދާނެކަމަށް ބުނެ ކުރާ ކެމްޕޭނަކުން ރައްޔިތުންގެ ވޯޓު އިތުރެއް ނުވާނެ. ރައްޔިތުންނަކަށް އެކަމުން ލިބޭނެ ފަސޭހައެއް ވެސް ނޯންނާނެ."" - މާލޭގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް

ރައްޔިތުންގެ ވޯޓުން މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބުކުރަން އެދޭނަމަ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ ދައްކަންޖެހޭކަމަށާއި، ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކަތައް ދައްކަންޖެހޭކަން އަރީޝް ފާހަގަކުރެއްވިއެވެ. އަދި މިކަންކަން ރާވާލުމަށް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން މާލެ ސިޓީގެ ހިންގުމުގެ ކަންކަން ރާވަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަރީޝް ވިދާޅުވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި ކުރެއްވީ ހީވާގި، ދުރުވިސްނޭ، އަދި މަޝްވަރާގެ އުޞޫލު ނަމޫނާ މަސައްކަތްތަކެއް ކަމަށާއި، އެކަން އޮޅުވާލުމުގެ މަޤުޞަދުގައި ދޮގު ވާހަކަ ފެތުރުމަކީ މޭޔަރުކަމަށް ކުރިމަތިލައްވަން ކެމްޕެއިންކުރާ ބައެއް ފަރާތްތަކުން ކުރާ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު