ENGLISH
11 ޖެނުއަރީ 2026
ރައީސްގެ މޭޔަރުކަމުގައި އެއްވެސް ބިމެއް ވިއްކާފައެެއް ނުވޭ، ޤަވާއިދާ ޚިލާފަށް ކުއްޔަށްވެސް ނުދޭ: ޑެޕިއުޓީ މޭޔަރު
11 ޖެނުއަރީ 2026
|
އަރީޝް، ރައީސްގެ އަރިހުގައި
މާލެ ސިޓީގެ މޭޔަރުކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވިއިރު މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކާފައި ނުވާ ކަމަށާ އަދި ނުގަވާއިދުން ކުއްޔަށް ދިން އެއްވެސް ބިމެއްވެސް ނެތް ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެ އެވެ.
ޑެޕިއުޓީ މޭޔަރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެމްޑީޕީގެ މޭޔަރު ޓިކެޓް ހޯދަން ވާދަކުރާ ކެންޑިޑޭޓުން ދަނީ ތާއީދު އިތުރުވާނެ ކަމަށް ހީކޮށް ރައީސް މުޢިއްޒުއާ ގުޅޭގޮތުން ހަޤީޤަތެއް ނެތް އެތައް ވާހަކަތަކެއް ފަތުރަމުންނެވެ. އެގޮތުން މޭޔަރު ކަމުގައި ހުންނަވާ މާލޭން ބިމެއް ވިއްކެއްވި ކަމަަށް ބުނެ ވާހަކަތައް ދަނީ ފަތުރަމުންނެވެ.
އެ ވާހަކަތައް ދޮގުކުރައްވާ ޑެޕިއުޓީ މޭޔަރު އަރީޝް ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވި ދެ އަހަރާއި ހަ މަހެއްހައި ދުވަހުގެ ތެރޭގައި، މާލެ ސިޓީގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކާފައި ނުވާ ކަމަށާ އަދި ނުގަވާއިދުން ކުއްޔަށް ދިން އެއްވެސް ބިމެއްވެސް ނެތް ކަމަށެވެ.
އެމަނިކުފާނުގެ މޭޔަރުކަމުގެ މުއްދަތަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކޮށް، ދީނީ އިޖްތިމާޢީ ރޫޙު ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އާލާކޮށް، ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުން ގިނަ ކުރައްވައި، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތް ކުރައްވާ ހާލުއަހުވާލު ބައްލަވާ، ސީދާ ރައްޔިތުން އެދޭގޮތަށް މާލެ ސިޓީގެ ކަންކަން މިސްރާބު ކުރެއްވި ދުވަސްތަކެއްކަން އަރީޝް ފާހަގަ ކުރެއްވި އެވެ.
“މި ހަގީގަތްތައް ހަޖަމު ނުކުރެވިގެން، އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތައް މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުގައި ދައްކާ، މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް އައުމަށްފަހު ކުރާނެ ކަމަކީ، ކޯޓުތަކަށް އަބަދު ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ، ‘ގޭންގެއްގެ ގޮތުގައި’ މާލެ ސިޓީ ހިންގުންކަމަށް ސިފަވާ ގޮތަށް ވާހަކަތައް ދެއްކުމަކީ ދަށުދަރަޖައިގެ އެއްވެސް އަމާޒެއްނެތް ކެންޕޭނެއް،” އެމްޑީޕީގެ ކެންޑިޑޭޓުން ހިންގާ ކެމްޕެއިނަށް އިޝާރާތް ކުރައްވާ އަރީޝް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ޤާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން ކަމަށާ އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހި ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް ކަން ޑެޕިއުޓީ މޭޔަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަދި މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން ރެޔާދުވާލު މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނެއް ގޮތަށް ހަދާނެ ކަމަށް ބުނެ ކުރާ ކެންޕޭނަކުން ރައްޔިތުންގެ ވޯޓު އިތުރެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.
“ރައްޔިތުންނަކަށް އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެ. މާލެ ސިޓީގެ މޭޔަރުކަން ރައްޔިތުންގެ ވޯޓުން ކާމިޔާބުކުރަން އެދޭނަމަ ދައްކަންވީ، މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލުގެ ވާހަކަ. ހިޔާވަހިކަމާއި ދިރިއުޅުމުގެ ފަސޭހަތަކަށް ކުރާ ޕްލޭންތަކުގެ ވާހަކަ. ރައްޔިތުންނާ ގާތުން، ޚިޔާލާއި މަޝްވަރާ ހޯދައިގެން ސިޓީގެ ކަންކަން ހިންގަން ރާވާ ގޮތުގެ ވާހަކަ،” އަރީޝްގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.
އަދި ވިދާޅުވީ މިވާހަކަތައް ރަނގަޅަށް ދެއްކޭނީ، ރައީސް މުޢިއްޒު މޭޔަރުކަން ކުރެއްވި ހީވާގި، ދުރުވިސްނޭ، އަދި މަޝްވަރާގެ އުޞޫލު ދަސްކޮށްގެން ކަމަށެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އަޅުވަން އެއްވެސް ހެއްކެއް ހަގީގަތެއް ނެތް ޚިޔާލީ ހަރުކަށި އިންޒާރުތައް ދިނުމަކީ، މި ސިޓީގެ މޭޔަރުކަމަށް ކުފޫ ހަމަވާ ޒާތުގެ އަމަލެއް ނޫން ކަމަށް ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.