ENGLISH
11 ޖެނުއަރީ 2026
ބޮޑުކަންނެލި މިފްކޯއަށް ގަންނަން ފެށުމާއެކު ފެންނަނީ މަސްވެރިންނަށް ވީ ވައުދުތައް ހާސިލްވާތަން: ވަޒީރު ޝިޔާމް
11 ޖެނުއަރީ 2026
|
ވަޒީރު ޝިޔާމް ކަނޑުއޮތްގިރިއަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވަނީ. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
ކ. ކަނޑުއޮތްގިރީގައި ހުންނަ މިފްކޯގެ މަސް ކާރުހާނާއަށް ބޮޑުކަންނެލި އިއްޔެ ގަންނަ ފެށުމާއެކު ފެންނަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ހާސިލްވާތަން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބޮޑުކަންނެލި މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ މިފްކޯއިން މިދިޔަ ދުވަސްތަކުގައި ބޮޑުކަންނެލި ނުގަތުމެވެ. އެ ކަންބޮޑުވުމާ ގުޅިގެން ރ. ދުވާފަރުގައި މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ކަޅުބިލަމަހެކޭ އެއްފަދައިން ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، މަސްވެރިންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދޫކޮށްލެއްވި ވައުދުތައް ފުއްދެވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތަށް އިއްޔެ ވަނީ ކަނޑުއޮތްގިރިއަށް ބޮޑުކަންނެލި ގަންނަން ފަށައިފައެވެ. އެގޮތުން ބޮޑުކަންނެލި ގަންނަނީ ކިލޯއަކަށް 25 ރުފިޔާގެ މަގުންނެވެ.
ވަޒީރު ޝިޔާމް ވަނީ އެމަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވުމަށް މިއަދު ކަނޑުއޮތްގިރިއަށް ވަޑައިގެންފައެވެ. އެއަށްފަހު، ކަނޑުއޮތްގިރީގައި ހުންނަވައި ދެއްވި ބަސްދީގަތުގައި ޝިޔާމް ވިދާޅުވީ ބޮޑުކަންނެލި މިފްކޯއިން ގަންނަން ފެށުމަކީ ރަނގަޅެއް ކަމަށެވެ.
"ބޮޑުކަންނެލި މަސްވެރިންނަށް ވީ ވައުދުފުޅުތައް ހަގީގަތުގަ ހާސިލްވެގެން މިދަނީ. މިއީ އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅު ފެށުމެއް. އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ވެސް ދަންނަވަން މިފްކޯއަށް. މި އޮޕަރޭޝަން ހަގީގަތުގައި މިފްކޯއިން މި ފެށީ ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިއްމު އިރުޝާދުފުޅަކާ އެކީގައި ވަރަށް އަވަސް ތައްޔާރީތަކާ އެކީގައި ހަގީގަތުގައި މިކަންތައްތައް ފެށިގެން މިދިޔައީ." - ވަޒީރު އަޙްމަދު ޝިޔާމް
ވަޒީރު ވިދާޅުވީ ބޮޑުކަންނެލި މަސްވެރިންނަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ބައެއް ކަމަށެވެ. އެހެންނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި މިދިޔަ އަހަރުތަކުގައި އެކަންކަން ކުރެވިފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް މިދިޔަ ވެރިކަމުގައި އިންތިޚާބު ތެރޭގައި ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ބޮޑުކަންނެލި މަސްވެރިން އުނދަގޫ ޙާލަތަކަށް ވެއްޓުނުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ވަރަށް މުހިއްމު އިސްކަމެއް އެބަދެއްވާ ދިވެހިރާއްޖޭގެ މަސްވެރި ސިނާއަތުގައި ހުރި ބޮޑެތި ގޮންޖެހުންތައް، އޭގެތެރޭގައި މަސްވެރިންނަށް ހުރި ގޮންޖެހުންތައް ވެސް ހައްލުކުރެއްވުމަށްޓަކައި. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާނެ މި ސަރުކާރު އައިފަހުން ވަރަށް ރަނގަޅު ކުރިއެރުންތަކެއް ހަގީގަތުގައި މަސްވެރިންނަށް މަސްވެރިންގެ ޖީބު ތަނަވަސްވާނެ ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ފަހިކޮށްދީފި" - ވަޒީރު އަޙްމަދު ޝިޔާމް
ބޮޑުކަންނެލި ގަންނަން ފެށުމަށް ފަހު ސަރުކާރުން މަސައްކަތްކުރާނީ ދެމެހެއްޓެނިވި ގޮތަކަށް އެކަން ކުރަން ކަމަށް ވަޒީރު ވިދާޅުވިއެވެ. މަސްވެރިކަމަކީ މުޅި މުޖުތަމަޢުއާ ގުޅިފައިވާ މުހިއްމު ސިނާޢަތެއް ކަމަށާއި، ސިނާޢަތަކަށް ނިކަމެތިކަން ލިބެމުންދާނަމަ ސަރުކާރުން އެކަމެއް ހައްލުކުރަން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމާ ގުޅިގެން ވަޒީރު ވަނީ އެކަމުގައި މަސައްކަތްކޮށްދެއްވި މިފްކޯގެ އިސްބޭފުޅުންނަށާއި މިފްކޯގެ ޓީމަށް ޝުކުރުއަދާކުރައްވައިފައެވެ.