ENGLISH
11 ޖެނުއަރީ 2026
މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ ނަތީޖާ މި އަހަރު ފެންނާނެ: ސިއްދީގު
11 ޖެނުއަރީ 2026
|
އެންޑީއޭގެ ޗެއާމަން އަހްމދު ސިއްދީގު
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވައި، އެ ތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަަތްތަކުގެ ހެޔޮ ނަތީޖާ ހިނގަމުންދާ 2026 ވަނަ އަހަރުގެ ތެރޭގައި ފެންނާނެކަމަށް އުންމީދުކުރައްވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ޗެއާމަން އަހްމަދު ސިއްދީގު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސިއްދީގު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ދުވަސްވީ މައްސަލައެއް ކަމަށާއި، އެ މައްސަލައަށް ދެމެހެއްޓެނެވި ދާއިމީ ހައްލެއް ހޯދައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދާހިލީ އަދި އިޖުތިމާއީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަސައްކަތް ކަމަށެވެ.
ސިއްދީގު ވިދާޅުވި ގޮތުގައި ސަރުކާރަށް އެއްކުރެވިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މަސްތުވާތަކެތި ބޭނުންކުރާ 10،000 އެއްހައި މީހުން ރާއްޖޭގައި އެބަތިއްބެވެ. އެމީހުންގެ ތެރޭގައި ޒުވާނުންގެ އިތުރަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭކަން ފާހަގަކުރައްވަމުން ސިއްދީގު ވިދާޅުވީ އާބާދީގެ ނިސްބަތުން މިހައި ގިނަ ބަޔަކު މަސްތުވާތަކެތި ބޭނުންކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ސިއްދީގު އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުވަ ރިހިބިލިޓޭޝަން ސެންޓަރު ހިންގަމުންދާއިރު، ފަރުވާދޭ އިތުރު މަރުކަޒުތައް ގާއިމުކުރުމުގެ މަސައްްކަތް ކުރަމުން އަންނަކަމަށެވެ. އޭނާ އިޝާރާތްކުރެއްވީ ނ.އަތޮޅާއި ލ.އަތޮޅުގައި މިހާރު އަޅަމުންދާ ސެންޓަރުތަކަށެވެ.
މިތަންތަނުގެ ބޭނުމެއްގެ ގޮތުގައި ސިއްދީގު ފާހަގަކުރެއްވީ މަސްތުވާތަކެތިން ދުރުވުމަށް ބޭނުންވާ ފަރުވާ ހޯދުމުގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެ ހިދުމަތް ލާމަރުކަޒުކޮށް ވީހާވެސް ރައްޔިތުންނާ ގާތުން އެ ފަރުވާ ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.
އަދި ޑްރަގް ރިހިބިލިޓޭޝަންގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނެވި، ފަރުވާއަށް އެކަނި ބިނާވެފައި އޮތް ނިޒާމު އިތުރަށް ހަރުދަނާކޮށް، މުޖުތަމައަށް އަނބުރާ އައުމަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފޯރުކޮށްދީ އިތުރު ހުނަރުތައް ތަރައްގީކުރެވޭ ގޮތަށް ރިހިބިލިޓޭޝަން ޕްރޮގުރާމުތައް މިހާރު ބަދަލުކޮށްފައިވާ ކަމަށް ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވި ގޮތުގައި ސަރުކާރުގެ އުންމީދަކީ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކާއި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ހެޔޮ އަސަރު މި އަހަރު ތެރޭ ފެންނަން ފެށުމެވެ.
މަސްތުވާކެތީގެ މައްސަލަ ހައްލުކުރުމަށް އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ފަރުވާގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރަށް މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުންގެ ހިދުމަތުން އަންނަނީ މެދުކެނޑުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.