ENGLISH
11 ޖެނުއަރީ 2026
ވިކްޓްރީ ބަލިކޮށް، މާޒިޔާ ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި
10 ޖެނުއަރީ 2026
|
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ކޮޅަށް ލަނޑުޖެހުމަށްފަހު މާޒިޔާގެ ހަމްޒާ މުޙައްމަދު އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް
މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކްލަބު 3-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ތާވަލްގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
މި ނަތީޖާއާއެކު މާޒިޔާ އެއްވަނައިގައި އުޅެނީ 14 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮޑި ސްޕޯޓްސް ކްލަބު އޮތީ 13 މެޗުން 29 ޕޮއިންޓް ހަމަކޮށްގެންނެވެ. ފަސް ޕޮއިންޓް ފަހަތުން ތިންވަނައިގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޮތްއިރު، ބުރު ސްޕޯޓްސް ކްލަބު އުޅެނީ 23 ޕޮއިންޓާއެކު ހަތަރު ވަނައިގައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް މާޒިޔާ އިން ކާމިޔާބުކުރީ ފަހު ހާފުގައެވެ. މި މެޗުގައި މާޒިޔާ އިން ޖެހި ތިން ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ ކުޅުމުގެ 13 ވަރަކަށް މިނެޓުގެ ތެރޭގައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި މާޒިޔާ އިން ލީޑު ނެގީ އަހުމަދު އައިހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް، މެޗުގެ 63 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ހަމްޒާ މުޙައްމަދު (ހަމްޕު) އެވެ.
މާޒިޔާ އިން މެޗުގައި ޖެހި ތިންވަނަ ލަނޑު، 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް، މުޙައްމަދު އިލާން އިމްރާން އެވެ. އޭނާ މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ދެ މިނެޓުގެ ތެރޭގައެވެ.
މި މެޗުން ވިކްޓްރީ ބަލިވުމުގެ ފައިދާ ނަގައި، ކްލަބް އީގަލްސް ވަނީ ލީގުގެ ފަސްވަނަ އަށް ޖެހިލައިފައެވެ. ވިކްޓްރީ ވަނީ ލީގުގެ ހަވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް ކުޅުނު 14 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން ހޯދި މޮޅާއެކު އީގަލްސް ފަސްވަނައިގައި އޮތީ 14 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ.
އީގަލްސް ވަނީ ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގެ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހައިފައެވެ. މި މެޗުގައި އީގަލްސްގެ ޒައިން ޒަފަރު ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަބާހް މަސްރޫރު އާއި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ. މެޗުގައި ޔޫވީ އިން ޖެހި ހަމައެކަނި ލަނޑު، ފަހު ހާފުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންެތެރިޔާ، މުޙައްމަދު މުސްލެހް ސާދު އެވެ.