ENGLISH

10 ޖެނުއަރީ 2026

Advertisement

ސާފް މުބާރާތުގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލްކޮށްފި

09 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމެނޭ ހުސައިން ޝަރީފް (ކ) އާއި އަލީ ޝިޔާހު. --ފޮޓޯ: އެފްއޭއެމް

ތައިލެންޑްގައި މި މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމުގެ ސްކޮޑު ފައިނަލްކޮށްފިއެވެ.

މި މަހުގެ 14 އިން 26 ގެ ނިޔަލަށް ތައިލެންޑްގެ ނޮންތަންބުރީގައި ކުރިއަށްދާ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފިރިހެން ފުޓްސަލް ޓީމުން 40 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ ކުރީކޮޅު އެވެ.

އެއަށްފަހު، މިދިޔަ މަހުގެ ފަހުކޮޅު ޓްރެއިނިންގ ކޭމްޕެއްގައި ވަނީ ޗައިނާ އަށް ގޮސްފައެވެ. ސަތާރަ ކުޅުންތެރިންނާއެކު ޗައިނާގައި ކުރިއަށްގެންދިޔަ ޓްރެއިނިންގ ކޭމްޕަށްފަހު ސްކޮޑު ވަނީ 14 ކުޅުންތެރިންނަށް މަދުކޮށްފައެވެ. 

މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން ޖާގަ ގެއްލުނު ކުޅުންތެރިންނަކީ؛ މުޙައްމަދު އިސާމް (ޝަންޓެ)، އިސްމާއިލް ވަޖީހު (ވައްޖެ) އާއި ގޯލްކީޕަރު މުޙައްމަދު ލުފްސާން (ޕަފް) އެވެ.

އުޒްބެކިސްތާންގެ ކޯޗު ފާރޫކް ޒަކިރޯވްގެ އިރުޝާދާއެކު ފިރިހެން ގައުމީ ފުޓްސަލް ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ޓްރެއިނިންގ ކޭމްޕް ނިންމާލުމަށްފަހު، މުބާރާތް ކުޅުމަށް ސީދާ ތައިލެންޑަށް ޗައިނާ މަގުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބުނެފައެވެ.

ލީގު އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭނެއެވެ. މި ފަހަރުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ދެ ޑިވިޝަނުގައި ވެސް ރާއްޖޭން ވާދަކުރާނެއެވެ. 

މިއީ ދެކުނު އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރާނެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ. 

މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި މި މަހުގެ 14 ވާ ބުދަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު