ENGLISH
10 ޖެނުއަރީ 2026
ރާއްޖެ ސުޕަ ލީގު 2026: ފުނަދޫ އާއި ގަން ސެމީ އަށް ދަތުރުކޮށްފި
09 ޖެނުއަރީ 2026
|
މުބާރާތުގައި ވާދަކުރާ ށ. ފުނަދޫ ޓީމު. މެޗެއްގެ ކުރީން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: ވީއޭއެމް
މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ށ. ފުނަދޫ އާއި ލ. ގަން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު ފުނަދޫ ވަނީ ޕޫލް އޭގެ އެއްވަނަ މަގާމު ހާސިލްކޮށްފައެވެ. ދެވަނަ ލިބުނީ ގަމަށެވެ. އެ ޓީމު ދެ މެޗުން މޮޅުވިއިރު، ބަލިވީ ފުނަދޫ އަތުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ފުނަދޫން ވަނީ ސީދާ ތިން ސެޓުން ކ. މާފުށި ބަލިކޮށްފައެވެ.
މި މެޗުގެ ސެޓުތައް ފުނަދޫން ކާމިޔާބުކުރީ 25-07، 25-16، އާއި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަދޫގެ ހައިފާ އިމާދެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އައްޑޫ ސިޓީގެ މައްޗަށް ގަމުން ކުރި ހޯދީ ވެސް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގަމުން ކާމިޔާބުކުރީ 25-15، 25-15، އާއި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ގަމުގެ އައިޝަތު މާޖިދާ އެވެ.
މި މުބާރާތުގެ ޕޫލް ބީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ސެމީގެ ޖާގަތައް ކަށަވަރުވާނީ މިއަދުގެ މެޗުތަކަށް ފަހު އެވެ.
މުޅިއެކު އަށް ޓީމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 4 އިން 12 ގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. އެގޮތުން، ޕޫލް އޭގައި ހިމެނެނީ؛ ލ. ގަމާއި، ށ. ފުނަދޫގެ އިތުރުން ކ. މާފުއްޓާއި މާލެ ސިޓީ އެވެ. ޕޫލް ބީގައި ހިމެނެނީ؛ ލ. މާބައިދޫ ކ. ހުރާ، ދ. މާއެނބޫދޫ އާއި އައްޑޫ ސިޓީ އެވެ.
މުބާރާތް ރޭވިފައިވާ ގޮތުން، ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ޓީމު ނުކުންނާނީ ގްރޫޕް ބީގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ގްރޫޕް ބީގެ އެއްވަނަ ޓީމު ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމާ އެވެ.
އެއަށްފަހު، މި މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތަކުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި ދެ މެޗާއެކު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 12 ވާ ހޯމަ ދުވަހު އެވެ.