ENGLISH
10 ޖެނުއަރީ 2026
ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު
09 ޖެނުއަރީ 2026
|
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޚާއްސަ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅުދައްކަވަނީ. ރައީސް ވިދާޅުވީ ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއްކަމަށް. އަދި ކައުންސިލް އިންތިޚާބުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަޤްޞަދުގައި ބަޔަކު އިންތިޚާބުކުރެވިއްޖެނަމަ، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ހިނގާނީ މުނިސިޕަލް އަދި ތަރައްޤީގެ މަސައްކަތްތުގެ ބަދަލުގައި ސިޔާސީ މަސައްކަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވި.
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ރާއްވަވާފައިވާ، ފައްޓަވާފައިވާ އަދި ބަޖެޓުކުރައްވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހަލުވި ދުވެލީގައި ކުރިއަށްގެންދިއުމަށްޓަކައި، ހުރިހާ ފެންވަރެއްގައިވެސް ރައްޔިތުންގެ މަންދޫބުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާކަމަށް. ތަރައްޤީއަށް މިހާރުވެސް ކުރައްވަމުންގެންދަވާ އެކި މަސައްކަތްތަކާއި އިޖުތިމާޢީ މައްސަލަތައް ޙައްލުކުރެއްވުމަށް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ ޢަމަލުތައް ބައެއް ކައުންސިލްތަކުން ހިންގުމުން، ބުރެކިޖެހި، މަޑުޖެހި ފަހަތަށް ޖެހެނީ ރައްޔިތުންގެ ތަރައްޤީކަން އެމަނިކުފާނު ފާހަގަކުރެއްވި. އަދި ކުރިއަށް އޮތް އިންތިޚާބަކީ، އިދިކީލި ސިޔާސީ ފިކުރުގެ ސަބަބުން ތަރައްޤީގެ ދުވެއްޔަށް ހުރަސް ނޭޅޭނޭ ފަދަ ގޮތަކަށް ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ މަންސައެއްކަން އެމަނިކުފާނު ފާހަގަކުރެއްވި.