ENGLISH
10 ޖެނުއަރީ 2026
ބުރާސްފަތިން ފެށިގެން އަމިއްލަ ތަންތަނުން ހައްދާ އައިނުތަކަށް ވެސް އާސަންދަ ލިބޭނެ
09 ޖެނުއަރީ 2026
|
އައިޖީއެމްއެޗްގައި ހުޅުވި އައިނު ފިހާރައިން ހިދުމަތް ދެނީ
ރައްޔިތުން އެދުނު ގޮތަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކްލިނިކްތަކުންނާއި، އައިނު ފިހާރަތަކުން ހަދާ އައިނުތަަކަށް އާސަންދަ ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފި އެވެ.
މީގެ ކުރިން އޮންނަނީ ހޮސްޕިޓަލަކުން ޕްރިސްކްރިޕްޝަން ހަދައިގެންނޫނީ އާސަންދަ މެދުވެރިކޮށް އައިނު ނުހެއްދޭ ގޮތަށެވެ. މި މައްސަލާގައި މާލޭގައި އައިނު ފިހާރަ ހިންގާ ބައެއް ފަރާތްތަކުންވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ރައީސް ބޭއްވެވި ބައްދަލުވުމުގައި އައިނު ވިޔަފާރިކުރާ މީހަކު ބުނެފައިވަނީ ކްލިނިކުތަކުގައި އަދި އައިނު ފިހާރަތަކުގައި ތިބެނީ، ތައުލީމާއި ތަޖުރިބާ ލިބި، ރާއްޖޭގެ ކަމާ ގުޅުންހުރި އިދާރާތަކުން ނަގަންޖެހޭ ލައިސެންސްތަކާއި ހުއްދަތައް ނަގައިގެން މަސައްކަތްކުރާ އޮޕްޓޮމެޓްރިސްޓުން ކަމަށެވެ.
އޭނާ ފާހަގަކުރި ގޮތުގައި، ކްލިނިކުތަކާއި އައިނު ފިހާރަތަކުގައި މަސައްކަތްކުރާ އޮޕްޓޮމެޓްރިސްޓުންނަކީ ރާއްޖޭގައި މަސައްކަތްކުރެވޭ ފެންވަރުގެ ގާބިލު ބައެއްކަމަށް ދައުލަތުން ބަލައިގަތް ނަމަވެސް އެމީހުން ލިޔެދޭ ޕްރިސްކްރިޕްޝަނަކަށް އައިނު ހެއްދުމަށް އާސަންދަ ނުލިބޭ ކަމަށެވެ.
މިކަމާ ގުޅިގެން ހުސްވި ޑިސެންބަރުމަހުގެ 31 ވަނަ ދުވަހު އެންސްޕާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރައީސް ރައްޔިތުުންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައި އާސަންދައިގެ ތެރެއިން ރަނގަޅުކުރަން ހުރިކަމަށް ރައްޔިތުން ފާހަގަކުރި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އައިނު ހެއްދުމުގެ ހިދުމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަަޖެއްސުމުގެ ގޮތުން އެ ހިދުމަތް އިތުރަށް ފުޅާކޮށް، ކްލިނިކުތަކުގައި އަދި އައިނު ފިހާރަތަކުގައި ރަޖިސްޓްރީވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް އާސަންދަ މެދުވެރިކޮށް އައިނު ހެދޭނެ ގޮތަށް ނިންމާފައިވާ ކަމަަށެވެ.
އެ ނިންމުން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތައް އެކުލަވައިލާ އާއްމުކޮށް 15 ޖަނަވަރީ 2026 ވަނަ ދުވަހުން ފެށިގެން އެފަދަ ތަންތަނުގައި ތިބޭ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ނުވަތަ ލޮލުގެ ނަންބަރުތަކަަށް އާސަންދަ މެދުވެރިކޮށް އައިނު ހަދައިދޭން ފަށާނެ ކަމަަށެވެ.
ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައީސް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރައްވަމުން އަންނައިރު ރާއްޖޭގައި އައިނު ހެއްދުމަށް ޒަމާނުންސުރެ ރައްޔިތުން އުފުލަމުން އަންނަ ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް މިހާރުވެސް ސަރުކާރުންވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާ ފައެވެ.
އެގޮތުން ރާއްޖޭގައި އައިނު ހެއްދުމަށް ވިޔަފާރިވެރިން ނަގާ އަގުތައް ބޮޑުވުމުން އެކަމަށް ވަށާޖެހޭ ޖުމްލަ ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އައިޖީއެމްއެޗުގައި ސަރުކާރުންވަނީ ހިލޭ އައިނު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދީ ފައެވެ.
އަދި އައިނު ހެއްދުމަށް އާސަންދައިން މީގެކުރިން ދެމުން އައި 1،000 ރުފިޔާ 2،000 ރުފިޔާއަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވައި އެ ވައުދުފުޅާ އެއްގޮތަށް މިދިޔަ ޖޫންމަހުން ފެށިގެން އެ އަދަދު ވަނީ ބޮޑު ކޮށްދެއްވާފަ އެވެ.