ENGLISH
11 ޖެނުއަރީ 2026
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ނަމުގައި މެމްބަރުން ނެރެން ޖެހިލުންވޭ: މެމްބަރު ފަލާހު
09 ޖެނުއަރީ 2026
|
އެމްއެމްޓީވީގެ "ނިއުޅެމުންދާ ހަބަރު" ޕްރޮގްރާމްއަށް ފަލާހު އިންޓަވިއު ދެއްވަނީ. --ފޮޓޯ: އެމްއެމްޓީވީ
ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ މެމްބަރުންނަށް އެ ޕާޓީގެ ނަމުގައި ވާދަކުރަން ނުކެރޭތީ، އިންތިޚާބަށް ނުކުންނަނީ، އަމިއްލަ ނަމުގައި ކަމަށް، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ "ނިއުޅެމުންދާ ޚަބަރު" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުގައި ފަލާހު ވިދާޅުވީ، ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ލޯގޯގައި ނުކުންނަ ފަރާތްތަކަށް ރައްޔިތުން ވޯޓު ނުދޭނެކަން ހުދު އެމްޑީޕީއަށް ވެސް މިހާރު އެނގޭ ކަމަށެވެ. އެމްޑީޕީގެ ނަމުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށްފިނަމަ 50 ގޮނޑިވެސް ނުލިބޭނެކަމަށް ފަލާހު ވިދާޅުވި އެވެ. އެހެންކަމުން އެމްޑީޕީއިން، ކައުންސިލް އިންތިހާބަށް މެމްބަރުން ނެރުމަށް މަސައްކަތް ކުރަނީ އަމިއްލަ ގޮތުން ކަމަށެވެ.
ފަލާހު ވިދާޅުވީ ދިވެހި ރައްޔިތުންނަކީ މޮޔަ ބައެއް ނޫން ކަމަށާއި، ދިވެހިން ބޭނުންވާ ތަރައްޤީ ގެނެވޭނީ ޕީއެންސީގެ މެމްބަރުން އިންތިހާބުކޮށްގެންކަން ދިވެހިންނަށް އެނގޭ ކަމަށެވެ.
"އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް އެ ޕާޓީގެ ނަމުގައި ކެންޑިޑޭޓުން ނެރެން ނުކެރޭތީ ބައެއް ރަށްރަށުން މި ނެރެނީ އަމިއްލަ ނަމުގައި. އެމްޑީޕީއަށް ޔަގީންކަން އޮންނާނެ، އެމްޑީޕީ ގެ ލޯގޯގައި ނުކުމެއްޖެ ނަމަ ދިވެހި ރައްޔިތުން އެމްޑީޕީއަށް ނުދޭނެކަން 50 ގޮނޑިވެސް،" ފަލާހު ވިދާޅުވި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު ވިދާޅުވީ، މިހާރުވެސް އެމްޑީޕީ މެމްބަރުން ތިބޭ ބައެއް ރަށް ރަށުގެ ކައުންސިލްތަކުން އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ކަމާއި ނުގެޅޭ ވަޒީފާތައް މީހުންނަށް ދެމުން އަންނަ ކަމަށެވެ. އަދި ދާއިމީ ވަޒީފާތަކަށް މީހުން ނުނެގޭތީވެ، ވަގުތީ ވަޒީފާތަކަށް ނުވަތަ ކޮންޓްރެކް އުސޫލުން މީހުން ނަގަމުން އަންނަ ކަމަށެވެ. އެމްޑީޕީއަކީ ދިވެހި ޤައުމަށް ނުވަތަ ރަށަކަށް ލިބިދާނެ ގެއްލުމަކާއި ދޭތެރޭ ވިސްނާ ބައެއް ނޫންކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ބޭއްވި އެއްވެސް ކައުންސިލް އިންތިޚާބެއްގައި، ވެރިކަން ކުރާ ޕާޓީއަށް މިހާތަނަށް މެޖޯރިޓީ ލިބިފައެއް ނުވެ އެވެ. އެހެންކަމުން އެމްޑީޕީ އިން މަސައްކަތް ކުރަމުން އަންނަނީ ތަފާތު އެކި ވާހަކަ ދައްކައިގެން، މި ލޯކަލް ކައުންސިލް އިންތިހާބު ޕީއެންސީއަށް ނާކާމިޔާބު ކުރުމަށްޓަކައި ކަމަށް ފަލާހު ވިދާޅުވި އެވެ. އެހެންނަމަވެސް މެމްބަރު ވިދާޅުވީ މި އިންތިހާބު ތަފާތު ބޮޑު ނަތީޖާއަކުން ޕީއެންސީން ކާމިޔާބު ކުރާނެ ކަމަށެވެ.
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އެވެ.