ENGLISH
09 ޖެނުއަރީ 2026
ރާއްޖެ ސުޕަ ލީގު 2026: ހުރައަށް ދެވަނަ މޮޅު، މާބައިދޫން މާއެނބޫދޫ ބަލިކޮށްފި
08 ޖެނުއަރީ 2026
|
މުބާރާތުގައި ހުރާއާއި މާލެ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ވީއޭއެމް
މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން ކ. ހުރާ އާއި ލ. މާބައިދޫ މޮޅުވެއްޖެއެވެ.
ހުރާ މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، މިއީ މާބައިދޫގެ ފުރަތަމަ މޮޅެވެ. އެ ޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހުރާ އަތުން ބަލިވެފައެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި މާއެނބޫދޫއާ ދެކޮޅަށް މާބައިދޫން މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެ ޓީމުން މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މާބައިދޫން މި މެޗުގެ ފުރަތަމަ ދެ ސެޓު 25-21، އާއި 26-24 އިން ގެންގޮސްފައިވަނިކޮށް، މާއެނބޫދޫން ވަނީ ދެން ޖެހިގެންއައި ތިންވަނަ ސެޓު 26-24 އިން ކާމިޔާބުކޮށްފައެވެ.
ނަމަވެސް، ދެން ޖެހިގެންއައި ހަތަރު ވަނަ ސެޓުގައި މާބައިދޫން ވަނީ މާއެނބޫދޫ އަށް އިތުރު ފުރުޞަތެއް ނުދީ 25-19 އިން ކުރިހޯދައި، މެޗު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާބައިދޫ ޓީމުގެ ޖޫޒާން ޒަރީރު އެވެ.
މުބާރާތުގައި ދ. މާއެނބޫދޫއާ ލ. މާބައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި މާލެ ސިޓީ އަތުން ކ. ހުރާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް މާފުށިން ގެންދިޔައީ، 25-9، 25-9، އަދި 25-17 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހުރާ ޓީމުގެ މާޔާ ހުސައިން ސަލާހު އެވެ.
މުޅިއެކު އަށް ޓީމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 4 އިން 12 ގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. އެގޮތުން، ޕޫލް އޭގައި ހިމެނެނީ؛ ލ. ގަމާއި، ށ. ފުނަދޫގެ އިތުރުން ކ. މާފުއްޓާއި މާލެ ސިޓީ އެވެ. ޕޫލް ބީގައި ހިމެނެނީ؛ ލ. މާބައިދޫ ކ. ހުރާ، ދ. މާއެނބޫދޫ އާއި އައްޑޫ ސިޓީ އެވެ.
މުބާރާތް ރޭވިފައިވާ ގޮތުން، ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އޭގެ އެއްވަނަ ޓީމު ނިކުންނާނީ ގްރޫޕް ބީގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ގްރޫޕް ބީގެ އެއްވަނަ ޓީމު ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމާ އެވެ.
އެއަށްފަހު، މި މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތަކުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި ދެ މެޗާއެކު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 12 ވާ ހޯމަ ދުވަހު އެވެ.