ENGLISH
09 ޖެނުއަރީ 2026
ލޯކަލް ކައުންސިލް އިންތިޚާބު: 621 ވޯޓް ފޮށި ބަހައްޓާނެ
07 ޖެނުއަރީ 2026
|
އިންތިޚާބެއްގައި ބަހައްޓާފައިވާ ވޯޓް ފޮއްޓެއް --
އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި 621 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން މިރޭ ވަނީ މިފަހަރުގެ އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މަޢުލޫމާތު އާންމުކޮށްފައެވެ.
މި އިންތިޚާބު ގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމްލަ 621 ވޯޓު ފޮށްޓެވެ. އެގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބަހައްޓާނެ އެވެ.
އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިޚާބު ކުރާނެ އެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލްތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.