ENGLISH
09 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބު: ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި
07 ޖެނުއަރީ 2026
|
ވޯޓާސް ލިސްޓެއް -- ފޮޓޯ: އީސީ
މި އަހަރުގެ އެޕްރީލް ހަތަރެއްވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް މިއަދު ވަނީ ހުޅުވާލައިފި އެވެ.
ދިވެހި ސަރުކާރުގެ ގެޒެޓު އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން، (VR space IDNO Send to 1414) އެސްއެމްއެސް ކޮށްގެން ރަޖިސްޓަރީ ޗެކްކުރެވޭނެ އެވެ.
ކޮމިޝަނުން ބުނީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ކޮމިޝަނުގެ މައިޕޯޓަލް (my.elections.gov.mv) މެދުވެރިކޮށް، ޖަނަވަރީ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
މި މުއްދަތުގައި ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ އެވެ. އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.
މިއަދު އާންމުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.