ENGLISH
08 ޖެނުއަރީ 2026
މާފަންނު ސްޓޭޑިއަމް ހިމެނޭ ބިމުގައި ހުރި އަމިއްލަ ފަރާތްތަކުގެ މުދަލާއި އުޅަނދުތައް ނަގަން އަންގައިފި
07 ޖެނުއަރީ 2026
|
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިންގ އެޅުމަށް ހަމަޖެހިފައިވާ ބިމުގައި އާންމުންގެ ބައެއް ތަކެތި ބަހައްޓާފައި. ފޮޓޯ: މިހާރު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބެލުމުގެ ދަށުގައިވާ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދު (ކޮށީ ނަންބަރު 387) ބިމުގައި، އަމިއްލަ ފަރާތެއް / ކުންފުންޏެއްގެ މުދަލެއް ނުވަތަ އުޅަނދެއް ހުރިނަމަ އެ އެއްޗެއް ނެގުމަށް 14 ދުވަހުގެ މުހުލަތެއް ދީފިއެވެ.
އެފްއޭއެމުން އިއްޔެ ގެޒެޓުގައި ކުރި އާންމު އެންގުމުގައި ބުނީ، މާފަންނު ސްޓޭޑިއަމް ސަރަހައްދަކީ ފީފާ އިން ހަރަދުކޮށްގެން ސްޕޯޓްސް އެރީނާ އާއި އޮފީސް އިމާރާތެއް އެޅުމަށް އެފްއޭއެމަށް ދޫކޮށްފައިވާ ބިމެއް ކަމަށެވެ.
އެހެންނަމަވެސް، އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން އެ އިމާރާތް ހިމެނޭ ބިން ފިޔަވައި އިތުރު ބިން އެކިކަންކަމަށް ދޫކޮށްފައިވާކަމުގެ ލިޔުން، އެ އެސޯސިއޭޝަނުން 10 އޮގަސްޓް 2025 ވަނަ ދުވަހު ކުރި އިޢުލާން ނަންބަރު (FAM/IUL/2025/027) އާ ގުޅިގެން ލިބިފައިވާ ކަމަށެވެ.
އެފްއޭއެމުން ބުނީ، 2017 ވަނަ އަހަރުން ފެށިގެން ފުޓްބޯޅަ އެސޯސިއޭޝަނަށް މާފަންނު ސްޓޭޑިއަމް ސަރަހައްދުގެ ބިން 50 އަހަރަށް ދޫކޮށްފައިވާ މަޤްސަދާއި ޚިލާފަށް، އެކިފަރާތްތަކަށް ގުދަން ހެދުމަށާއި އެކި ކަންކަންކަމަށް ބިން ދޫކޮށްފައިވާ ކަމަށެވެ. މިއާއެކު، މިކަމާ ގުޅޭ އެއްބަސްވުންތަކަށް އަމަލު ނުކުރުމަށް އެ އެސޯސިއޭޝަންގެ އެކްޒެކެޓިވް ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ހުސްކުރަން އަންގާފައިވާ ސަރަހައްދު ބަޔާންކޮށްފައިވާ އެންގުމުގައި ހިމެނޭ ކުރެހުން. ފޮޓޯ: އެފްއޭއެމް
މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ ސްޕޯޓްސް އެރީނާ އާއި އޮފީސް ބިލްޑިންގއާ އިންވެގެން، ފުޓްބޯޅަ ދަނޑުގެ ބޮޑު ދެ ދަނޑުހެދުމަށް އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަ ވަނަ ބައްދަލުވުމުން ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމް ބުންޏެވެ.
އެހެންކަމުން، އެފްއޭއެމުން ގެޒެޓުކޮށްފައިވާ އެންގުމުގައި ބަޔާންކޮށްފައިވާ ސަރަހައްދުގައި، އަމިއްލަ ފަރާތެއްގެ / ކުންފުންޏެއްގެ މުދަލެއް، އުޅަނދެއް ފަދަ އެއްވެސް އެއްޗެއްވާނަމަ 14 ދުވަހުގެ ތެރޭގައި އެ އެއްޗެއް ނެގުމަށް ވަނީ އަންގާފައެވެ.
އެފްއޭއެމްގެ ކުރީގެ މެނޭޖްމަންޓުން އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ކޮށްފައިވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ޠާރިޤު އިސްކޮށް ހުންނަވައި، އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.