ENGLISH

08 ޖެނުއަރީ 2026

Advertisement

ރާއްޖެ ސުޕަ ލީގު 2026: ފުނަދޫ އަށް ދެވަނަ މޮޅު، ގަމުން ފުރަތަމަ މޮޅު ހޯދައިފި

07 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގައި ށ. ފުނަދޫއާ އައްޑޫ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ވީއޭއެމް

މިހާރު ކުރިއަށްދާ ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން ށ. ފުނަދޫ އާއި ލ. ގަން މޮޅުވެއްޖެއެވެ.

ފުނަދޫން މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވާއިރު، މިއީ ގަމުގެ ފުރަތަމަ މޮޅެވެ. އެ ޓީމު ވަނީ ކުރިން ކުޅުނު މެޗުގައި ފުނަދޫ އަތުން ބަލިވެފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އައްޑޫ ސިޓީއާ ދެކޮޅަށް ފުނަދޫން މޮޅު ކުޅުމެއް ދައްކާފައިވާއިރު، މި މެޗު އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ފުނަދޫން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-16، 25-11، އަދި 25-8 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަދޫ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، މުރުނަލް އަމިތު އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގައި ކ. މާފުށި އަތުން ލ. ގަން މޮޅުވީ ވެސް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ގަމުން ގެންދިޔައީ، 25-15، 25-15، އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަމުގެ ހައްވާ ރާޝިދާ އެވެ.

މާފުއްޓާ ދެކޮޅަށް ޕޮއިންޓެއް ހޯދުމަށްފަހު ގަމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ވީއޭއެމް

މުޅިއެކު އަށް ޓީމު ވާދަކުރާ މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 4 އިން 12 ގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. އެގޮތުން، ޕޫލް އޭ ގައި ހިމެނެނީ؛ ލ. ގަމާއި، ށ. ފުނަދޫގެ އިތުރުން ކ. މާފުއްޓާއި މާލެ ސިޓީ އެވެ. ޕޫލް ބީގައި ހިމެނެނީ؛ ލ. މާބައިދޫ ކ. ހުރާ، ދ. މާއެނބޫދޫ އާއި އައްޑޫ ސިޓީ އެވެ.

މުބާރާތް ރޭވިފައިވާ ގޮތުން، ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމެއް ސެމީ ފައިނަލަށް ދަތުރުކުރާނެ އެވެ. ސެމީގެ ފުރަތަމަ މެޗުގައި ގްރޫޕް އޭ ގެ އެއްވަނަ ޓީމު ނުކުންނާނީ ގްރޫޕް ބީ ގެ ދެވަނަ ޓީމާ ދެކޮޅަށެވެ. ދެވަނަ ސެމީގައި ގްރޫޕް ބީ ގެ އެއްވަނަ ޓީމު ބައްދަލުކުރާނީ ގްރޫޕް އޭ ގެ ދެވަނަ ޓީމާ އެވެ.

އެއަށްފަހު، މި މެޗުތަކުން މޮޅުވާ ޓީމުތައް ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމުތަކުގެ މެދުގައި ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި ދެ މެޗާއެކު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 12 ވާ ހޯމަ ދުވަހު އެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މިއަދު ހަވީރު މާލެ ސިޓީ ބައްދަލުކުރާނީ ކ. ހުރާއާ އެވެ. އަނެއް މެޗުގައި މިރޭ ލ. މާބައިދޫ ނުކުންނާނީ ދ. މާއެނބޫދޫއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު