ENGLISH

08 ޖެނުއަރީ 2026

Advertisement

ގައުމީ ބޮޑީބޯޑިންގ ޓީމު، މޮރޮކޯގައި ބާއްވާ މުބާރާތެއްގައި ވާދަކުރަނީ

07 ޖެނުއަރީ 2026

|

މުޙައްމަދު އަދުހަމް

ގައުމީ ބޮޑީބޯޑިންގ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްބީބީއޭ / ރަމޮން ކަމާލްދީން

"މޮރޮކޯ ވޯލްޑް ބޮޑީބޯޑް ޗެމްޕިއަންޝިޕް 2026" ގައި ރާއްޖޭގެ ބޮޑީބޯޑިންގ ޓީމު ވާދަކުރުމަށް ހަމަޖެހިފައިވާ ކަމަށް ބޮޑީބޯޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ބުނެފިއެވެ.

މިއީ ޓީމެއްގެ ގޮތުގައި ރާއްޖޭން ބޭރުގައި ގައުމީ ބޮޑީބޯޑިންގ ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެކުރީން، ރާއްޖޭގެ އިންޑިވިޖުއަލް އެތުލީޓުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގައުމު ތަމްސީލުކޮށްފައެވެ.

މޮރޮކޯގެ ސާފިންގ ފެޑެރޭޝަން، ރޯޔަލް މޮރޮކަން ސާފިންގ ފެޑެރޭޝަން (އެފްއާރްއެމްއެސް) އިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ، އިންޓަރނޭޝަނަލް ބޮޑީބޯޑިންގ ކޯޕަރޭޝަން (އައިބީސީ) ގެ ފުރިހަމަ އެއްބާރުލުމާއެކު މޮރޮކޯގައި މި މަހުގެ 31 އިން ފެބުރުއަރީ މަހުގެ 12 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

އެމްބީބީއޭ އިން ބުނީ، މޮރޮކޯ މުބާރާތުގައި ރާއްޖޭގެ ފަސް އެތުލީޓުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، މުބާރާތުގެ ޖޫނިއާ މެންސް ރައިސިންގ ސީރީސްގައި ވާދަކުރާނީ އެންމެ ފަހުގެ ބޮޑީބޯޑިންގ ލީގުގެ ޖޫނިއާ ލީގު ޗެމްޕިއަން، އިޔަން އަހުމަދު އެވެ.

ގައުމީ ބޮޑީބޯޑިންގ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްބީބީއޭ / ރަމޮން ކަމާލްދީން

މުބާރާތުގައި ހިމެނޭ ޕްރައިމް ސީރީސްގައި ވާދަކުރާނީ، ގައުމީ ބޮޑީބޯޑިންގ ޓީމުގައި ހިމެނޭ، އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، މުޙައްމަދު ކައިފް އަދި އަޝްރަފް ހަސަން އެވެ.

ދިވެހި ޓީމުން މި ފަހަރުގެ މުބާރާތާ ކުރިމަތިލަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކަކާއެކުގައެވެ. އެގޮތުން، 2022 ވަނަ އަހަރު ބޭއްވި "ވިޒިޓް މޯލްޑިވްސް ޕްރޯ" ގެ ޖޫނިއާ ޑިވިޜަނުން އާމިން ދެ ވަނަ ހޯދާފައިވާއިރު، ކުޑަ އައްޔަ ވަނީ އެ މުބާރާތުގެ ޑްރޮޕްނީ ކެޓަގަރީން ތިން ވަނަ ހޯދާފައެވެ.

އޭގެފަހުން، 2023 ވަނަ އަހަރު ބޭއްވި އައި.ބީ.ސީ ވޯލްޑް ޓުއަރގެ ބައިނަލްއަގުވާމީ ހަތަރު މުބާރާތެއްގައި އާމިން ވަނީ ވާދަކޮށްފައެވެ. އެ މުބާރާތްތަކުގައި ދެއްކި މޮޅު ކުޅުމާއެކު، އޭނާ އެ ސީޒަން ނިންމާލާފައިވަނީ ދުނިޔޭގެ ޖޫނިއަރ ރޭންކިންގގެ 10 ވަނައިގައެވެ.

ގައުމީ ބޮޑީބޯޑިންގ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްބީބީއޭ / ރަމޮން ކަމާލްދީން

މުބާރާތުގެ ޖޫނިއާ ޑިވިޜަނުގައި ވާދަކުރާ ރާއްޖޭގެ އިޔާން ވެސް ވަނީ ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ރާއްޖެ ތަމްސީލުކޮށް، މިފަދަ ބޮޑެތި މުބާރާތްތަކުން މުހިންމު ތަޖުރިބާތަކެއް ހޯދައިފައެވެ.

މި މުބާރާތުގައި ރާއްޖޭގެ ބޮޑީބޯޑިންގ ޓީމުގެ މެނޭޖަރަކީ އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ، ހަސަން ރަޝީދު (ރަޝް) އެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު